2000ގެ ބޮލީވުޑް ފިލްމުތައް އަލުން ދުނިޔޭގެ ސިނަމާތަކުގައި އަޅުވަމުން އަންނަ މި ދަނޑިވަޅުގައި އެފަދަ ފިލްމުތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ.

އެފަދަ އެއް ފިލްމަކީ ޝާހްރުކް ޚާންއާއި ޕްރިތީ ޒިންތާ ލީޑު ރޯލުން ފެނިގެންދިޔަ 2004 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ވީރް ޒާރާ" އެވެ.

އެ ފިލްމު އަލުން ސިނަމާތަކުގައި ދައްކަމުން އަންނައިރު، މިހާތަނަށް މުޅި ދުނިޔެއިން 100 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އާމްދަނީއަކީ މީގެ 20 އަހަރު ކުރިން އެ ފިލްމު ފުރަތަމަ ފަހަރަށް ސިނަމާތަކުގައި އެޅުވިއިރު ލިބުނު އާމްދަނީއަށްވުރެ ވެސް ބޮޑު އާމްދަނީއެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން 2004 ވަނަ އަހަރު އެ ފިލްމު ރިލީޒް ކުރެވުނުއިރު އިންޑިއާއިންނާއި މުޅި ދުނިޔެއިން ވެސް ލިބިފައިވަނީ ޖުމްލަ 98 ކްރޯޑް ރުޕީސް އެވެ.

ޔަޝް ޗޯޕްރާ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްދީފައިވާ "ވީރް ޒާރާ"ގައި ޝާހްރުކް ޚާންއާއި ޕްރިތީގެ އިތުރުން ރާނީ މުކަރްޖީ ވެސް ފެންނައިރު އެ ފިލްމަކީ އިންޑިއާއާއި ޕާކިސްތާނަށް ނިސްބަތްވާ ދެމީހުންގެ ލޯބީގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.