ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ޒާތީ ދިރިއުޅުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން މީޑިއާއަށް ފެންމަތިވާ ވާހަކަ އެކެވެ. މާޒީގައި ބޮލީވުޑްގެ ގިނަ ތަރިންތަކަކާއެކު އޭނާގެ ނަން ގުޅުނެވެ.
އެގޮތުން 90ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސަންގީތާ ބިޖްލާނީއާއި ސަލްމާންގެ ލޯބީގެ ވާހަކައަކީ އޭރު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އެެވެ.
އެ ދެމީހުން ކައިވެނި ކުރަން ހަމަޖެހި އެކަމުގެ އިންތިޒާމުތައް ވެސް ކުރެވުނެވެ. އެހެން ނަމަވެސް އެންމެ ފަހުވަގުތު އެމީހުންގެ ގުޅުން ނިންމާލުމުން ގިނަ ބައެއްގެ މެދުގައި ސުވާލުތައް އުފެދުނެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަލްމާންއާއި ސަންގީތާގެ ގުޅުން ނިމުމަކަށް އައީ ސަލްމާންއާއި ބޮލީވުޑްއަށް އަލަށް ގުޅުނު އެކްޓަރެއް ކަމަށްވާ ސޯމީ އަލީގެ މެދުގައި އޮތް ލޯބީގެ ގުޅުން ސަންގީތާއަށް ފަޅާ އެރުމުންނެވެ.
އެގޮތުން ސޯމީއާ ބައްދަލު ކުރަން އޭނާ ހުންނަ ގޭގެ ކުޑަދޮރުން ސަލްމާން ވަދެ އުޅުނު ކަމަށާއި އެކަމުގެ ސަބަބުން ސަންގީތާއާއި އޭނާގެ ގުޅުމަށް ނޭދެވޭ އަސަރު ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއެއްގައި ސޯމީ ބުނެފައިވަނީ އެ ހާދިސާގެ އަހަރުތަކެއް ފަހުން ސަންގީތާގެ ކިބައިން މައާފަށް އެދުނު ކަމަށާއި ޖަވާބުގައި "އެކަމާ އަޅާނުލާ" ކަމަށް ސަންގީތާ ބުނި ކަމަށެވެ.
ހުރިހާ ކަމެއް ހަމަޖެހި ރޭވިފައި އޮއްވާ ސަލްމާންގެ ކައިވެނި ރޫޅުނުތާ 20 އަހަރު ވީއިރު މިއަދާ ހަމައަށް ވެސް އޭނާ އިތުރު ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.