ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންގެ ކުއްތާ (ޑޯގު) ސްކޮޑު އެއާޕޯޓަށް ނެރެފި އެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޑޯގު ސްކޮޑު އެއާޕޯޓުގައި ހަރަކާތްތެރިވުމަށް ނެރެފައިވާކަމަށް ފުލުހުން ބުންޏެވެ.
އެއާޕޯޓުގައި ޑޯގް ސްކޮޑް ހަރަކާތްތެރިވާން ފަށާފައިވާއިރު، ކަސްޓަމްސްއިން ދަނީ ވައިގެމަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ދާދިފަހުން ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެ ކުރަން އުޅުނު ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާކަން ހާމަކޮށްފަ އެވެ. އޭގެތެރޭގައި މިމަހުގެ 18 ވަނަ ދުވަހު ރާއްޖެއައި ކާގޯ ޝިޕްމެންޓަކާއި ޕޯސްޓް ޕެކޭޖަކުންން، އަދި މި މަހުގެ 16 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއައި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު އަތުން އަތުލައިގަތް މަސްތުވާތަކެތި ހިމެނެ އެވެ.