އަންނަ ހޯމަ ދުވަހު މާލޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށުމާއެކު ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެވަނަ ޑޯޒު ޖެހުމުން ނޫނީ މި ބަލިން މުޅިން ސަލާމަތް ނުވެވޭނެތީ އެއީ އަވަހަށް ކުރަންޖެހިފައިވާ ކަމެއް ކަަށެވެ.

"އެހެންވީމަ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަޅުގަނޑުމެން ހިޔާލުކޮށްގެން މިތިބީ މާލޭގައި ފުރަތަމަ ޑޯޒް ޖެހުން 15 ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެވަނަ ޑޯޒް ޖަހަން." ނަސީމް ވިދާޅުވި އެވެ.

މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. މާލެއިން މިހާތަނަށް 91،279 މީހުންނަކީ ވަނީ ވެކްސިން ޖަހާފަ އެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލޭގައި ވެކްސިން ދެމުންދާއިރު، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2000 މީހުންނަށް ވެކްސިން ދެ އެވެ.