ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓްގެ ނަމުގައި އޮންލައިން ސްކޭމްތަކެއް ހިންގާތީ އެކަމާ ގުޅިގެން އޭނާގެ ފަރާތުން ބަޔާނެއް ނެރެފި އެވެ.

ރަސްމީ ސޯޝަލް މީޑިއާ އެކައުންޓެއް ނުގެންގުޅޭ ބްރެޑް ޕިޓް ވަނީ އޭނާގެ އޭޖެންޓުން މެދުވެރިކޮށް އޭނާގެ ނަމުގައި އޮންލައިންކޮށް ސްކޭމްތައް ހިންގާ މީހުންނާ މެދު ސަމާލުވުމަށް އެދިފަ އެވެ.

"ފަންނާނުންނާއި އެމީހުންގެ ސަޕޯޓަރުންނާ ދެމެދު އޮންނަ ގުޅުމުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާކަމީ ހިތާމަހުރި ކަމެއް" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އުމުރުން 60 އަހަރުގެ ބްރެޑްގެ ނަމުގައި އަންހެނުންނަށް މެސެޖުކޮށް ފައިސާ ހޯދަމުން އަންނަ ކަމުގެ ރިޕޯޓުތައް މީޑިއާގައި ދައުރުވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެގޮތުން ބްރެޑްގެ ނަމުގައި ދެ އަންހެނެއްގެ ފަރާތުން ޖުމްލަ 350،000 އެމެރިކާ ޑޮލަރު ހޯދާފައިވާ ކަމަށް މިހާތަނަށް އެނގިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ސްޕެއިންއިން ފަސް މީހަކު ހައްޔަރުކޮށް ތަހުގީގު އިތުރަށް ކުރިއަށް ދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ހޮލީވުޑްގެ ބައެއް ތަރިން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް ސަޕޯޓަރުންނަށް އިންޒާރުދީފަ އެވެ. އެގޮތުން ޓޮމް ހޭންކްސް، ޖޮނީ ޑެޕް ފަދަ އެކްޓަރުންނަށް ހަމަ މިފަދަ ކަންކަން ވަނީ ދިމާވެފަ އެވެ.