ދިވެހިން އާއްމުކޮށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް"އަކީ ބޭނުންކުރުން ރައްކާތެރި ބޭހެއް ނޫން ކަމަށް މާހިރުން ބުނެފި އެވެ.

އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަންއިން ބުނެފައިވަނީ ޕެރަސެޓަމޯލް ބޭހުގައި ސިއްހަތަށް ދިގު މުއްދަތުގެ ގެއްލުން ލިބޭ މާއްދާތައް އެކުލެވޭ ކަމަށެވެ.

އެ އިދާރާއިން މި ނިންމުން ނިންމާފައިވަނީ އާއްމުކޮށް ބޭނުން ކުރެވޭ ބޭސްތަކުގެ ފެންވަރު ބެލުމަށް ނަގާ "ކޮލިޓީ ކޮންޓްރޯލް" ޓެސްޓުން އެ ބޭސް ފާސް ނުވުމުންނެވެ.

ޕެރަސެޓަމޯލްގެ އިތުރުން ވެސް އާއްމުކޮށް ބޭސް ފިހާރަތަކުގައި ވިއްކަން ހުންނަ 52 ބޭހެއް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިންޑިއާގައި ގިނަ ފާމަސީ ކުންފުނިތަކަކުން ޕެރަސެޓަމޯލް އުފައްދާއިރު މި މައްސަލަ އުޅެނީ ވަކި ކުންފުންޏެއްގެ ވަކި ބެޗެއްގައި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ގުޅައާއި ސިރަޕްގެ ގޮތުގައި ވެސް ލިބެން ހުންނަ ޕެރަސެޓަމޯލްއަކީ ހުން އައުމާއި ކެއްސުމުގެ އިތުރުން ތަންތަނުގައި ރިއްސުމަށް ވެސް ބޭނުންކުރާ ބޭހެކެވެ.