މިފްކޯއަށް ޗީފް އެކްޒެކެޓިވް އޮފިސަރެއް ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ޕީސީބީން މިއަދު ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ ހުނަރުވެރި އަދި މަސައްކަތަށް އިސްކަންދޭ މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނެވިކަމަށާއި އީޖާދީ އުފެއްދުންތެރިކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

މިފަހަރުގެ އިއުލާނުގައި ސީއީއޯގެ މުސާރައިގެ ގޮތުގައި ކުރިން ކުރި އިއުލާނުގައި ވާ އަދަދަށްވުރެ ބޮޑުކޮށް މުސާރަ ހިމަނާފައިވެ އެވެ. މިފަހަރު ދިނުމަށް ކަނޑައަޅާފައިވަނީ 12،000 ޑޮލަރު (185،000ރ) އާއި 15،000 ޑޮލަރު (231،300ރ) ދެމެދުގެ މުސާރައެއް ކަމަށް އިއުލާނުގައިވެ އެވެ. ކުރިން ދިނުމަށް އިއުލާންކޮށްފައިވަނީ 9،500 ޑޮލަރު (146،000ރ.) އާއި 12،000 ޑޮލަރާ ދެމެދުގެ މުސާރަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ނުވަތަ މާސްޓާސް ޑިގުރީއެއް ނުވަތަ އެއާ އެއްވަރުގެ އެހެން ސަނަދެއް އޮތުމާއެކު މަދުވެގެން އަށް އަހަރު މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުން ނުވަތަ ހަތަރު އަހަރު މަސްވެރިކަމާ ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެ އެވެ.

މިފްކޯ އަށް ސީއީއޯއެއް ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަ މެއި މަހު އެ ކުންފުނީގެ ސީއީއޯގެ މަގާމުގައިހުރި، އަހުމަދު ޝަމާހް ރަޝީދު އެމަގާމުން ވަކިކުރުމަށްފަހު ، ޖޫން 26 ގަ އެވެ. ނަމަވެސް އެ މަގާމަށް ޝަރުތުހަމަވާ މީހަކު ކުރިމަތި ނުލާކަމަށް ބުނެ އެ އިއުލާންވަނީ ޖުލައި 16 ގައި ބާތިލްކޮށްފަ އެވެ.

ނަމަވެސް އެފަހަރު އެމަގާމަށް އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު ކުރިމަތިލައްވާފައިވެ އެވެ. އާތިފާއެކު ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް އެ މަގާމަށް ކުރިމަތިލެއްވި ކަމަށްވެ އެވެ.