ހިންދީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ދަރިންނަށް މަޖުބޫރު ނުކުރާނެ ކަމަށް ބޮލީވުޑްގެ ކާމިޔާބު ތަރި ސައިފް އަލީ ޚާން ބުނެފި އެވެ.

ސައިފްގެ ކުރިއަށް އޮތް ފިލްމު "ދެވަރަ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ސައިފް ބުނީ ބޮލީވުޑްގައި މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ދަރިންނަށް މަޖުބޫރު ނުކުރާނެ ކަމަށެވެ.

ސައިފް އިތުރަށް ބުނީ އާއިލާގެ ނަން ކުރިއަށް އޮތް ޖީލުތަކަށް ގެންދާނީ އޭނާގެ ދަރިންގެ އުޅުމާއި އަހުލާގުން ކަމަށާއި އޭނާއާއެކު ބޮލީވުޑްގައި މަސައްކަތް ކޮށްގެން ނޫން ކަމަށެވެ.

"އެއް އިރެއްގައި ޓިމް ބުނި ކެމެރާ ކުރިމައްޗަށް އަރަން ބިރުގަނެއޭ. އެކަމަކު މިހާރު އެބަ ބުނޭ ސްކޫލް ޑްރާމާގައި ބައިވެރިވާން ބޭނުންވާ ވާހަކަ" ސައިފްގެ ދަރިފުޅު ތައިމޫރުއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ސައިފް މިހާތަނަށް ދެ ކައިވެންޏެއް ކޮށްފައިވާއިރު އެ ދެ ކައިވެނިން އޭނާއަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އަމްރިތާ ސިންހްއާއެކު ކުރި ކައިވެނިން ލިބުނު ދެ ކުދިން ކަމަށްވާ ސާރާ އަލީ ޚާންއާއި އިބްރާހީމް އަލީ ޚާންއަކީ ވެސް އެކްޓަރުންނެވެ.

ކަރީނާ ކަޕޫރާއެކު ކުރި ދެވަނަ ކައިވެންޏަށް ވެސް ދެ ދަރިން ލިބިފައިވާއިރު އެއީ ތައިމޫރުގެ އިތުރުން ޖަހަންގީރް "ޖެހް" އެވެ. އެ ދެ ކުދިންކުރެ އެކަކު ވެސް ފިލްމީ ދާއިރާއިން އަދި ފެނިފައެއް ނުވެ އެވެ.

ސައިފްގެ އާއިލާއަށް ބަލާއިރު އޭނާގެ މަންމަ ޝަރްމީލާ ޓެގޯރްއަކީ 70ގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި ތަރި އެކެވެ. އަދި އޭނާގެ އަންހެނުން ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު "ކަޕޫރު" އާއިލާއަށް ނިސްބަތްވާ ތަރި އެކެވެ.