އެކަނިވެރި މައެއްގެ ގޮތުގައި ދިރިއުޅުން ހޭދަކުރުމުގެ ތަޖުރިބާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯފީ ޓާނާ މީޑިއާއާ ހިއްސާ ކޮށްފި އެވެ.

ބައިވެރިޔާ ޖޯ ޖޯނަސްއާ ވަކިވުމަށްފަހު އެ ދެމީހުންގެ ދެ ދަރިން ބަލަމުން އަންނަ ސޯފީ ބުނީ އެކަނިވެރި މައަކަށް ވުމަކީ ގޮންޖެހުންތައް ގިނަ ކަމެއް ކަމަށެވެ.

އޭނާގެ އެންމެ ފަހުގެ ޕްރޮޖެކްޓް، ޖޯން ޕްރޮމޯޓް ކުރަމުން އަންނަ ސޯފީ ބުނީ އެ ސީރީޒްގައި އޭނާ ދައްކުވައިދީފައިވާ ކެރެކްޓަރަކީ އޭނާގެ އަސްލު ދިރިއުޅުމާ ވެސް ވަރަށް ގުޅުންހުރި ކެރެކްޓަރެއް ކަމަށެވެ.

އެއާއެކު ޖޯން ކުޅެން ފުރުސަތު ލިބުމަކީ އެކަނިވެރި މައެއްގެ ގޮތުގައި އޭނާ ކުރަމުން އަންނަ ދަތުރަށް ލިބުނު އެހީތެރި ކަމެއް ކަމަށް ވެސް ސޯފީ ބުންޏެވެ.

"އަހަންނަކީ އެކަނިވެރި މަޔަކަށް ނުވިނަމަ އެ ޝޯގައި ދައްކަން ޖެހޭ އެކްޓިން އެންމެ ރަނގަޅު ގޮތުގައި ނުދެއްކުނީސް" ސޯފީ ބުނެފައިވެ އެވެ.

"ޖޯން"އަކީ 1980ގެ އަހަރުތަކުގައި ޖަވާހިރު ވައްކަން ކޮށްގެން އުޅުނު އެކަނިވެރި މައެއްގެ ހަޔާތަށް ބިނާކޮށް އުފައްދާފައިވާ ސީރީޒް އެކެވެ.

2019 ވަނަ އަހަރު ލޮސް އެންޖެލަސްގައި ކައިވެނިކުރި ސޯފީއާއި ޖޯ ވަކިވާން ނިންމީ އެކުގައި ހަތަރު އަހަރު ހޭދަ ކުރުމަށްފަހު 2023 ވަނަ އަހަރު އެވެ.

ކައިވެނި ރޫޅުމަށްފަހު އެމީހުންގެ ހަތަރު އަހަރުގެ ދަރިފުޅު ވިލާއާއި ދެ އަހަރުގެ ދަރިފުޅު ޑެލްފީން އުޅެމުން އަންނަނީ އެމީހުންގެ މަންމައާ އެކުގަ އެވެ.