97 ވަނަ އޮސްކާ އެކަޑަމީ އެވޯޑްސް ގާތްވަމުން އަންނައިރު އެ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފަ އެވެ.

އެގޮތުން އެކި ގައުމުތަކުން އެގައުމުތަކުގެ ހުށައެޅުންތައް ހުށައަޅަމުންދާއިރު މިފަހަރު އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އިނގިރޭސި ވިލާތުގެ ހުށައެޅުމުންނެވެ.

އިނގިރޭސި ބަހުން ވާހަކަ ދައްކާ އިނގިރޭސިންގެ ނަސްލު އޮންނަ އެ ގައުމުގެ ފަރާތުން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ހުށައަޅާފައިވަނީ ހިންދީ ބަހުން އުފައްދާފައިވާ ފިލްމެކެވެ.

އޮސްކާ އެވޯޑުގެ "ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމް" ކެޓަގަރީއަށް އިނގިރޭސި ވިލާތުން ހުށައެޅި ފިލްމު "ސަންތޯސް"އަކީ ކްރައިމް ތުރިލާ ޑްރާމާ އެކެވެ.

އިންޑިއާ ނަސްލުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ ސަންދްޔާ ސޫރީ ލިޔެ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުން ފެނިގެންދާނީ ފިރިމީހާ މަރުވުމަށްފަހު ފުލުހުންގެ އިދާރާއާ ގުޅޭ 28 އަހަރުގެ އަންހެނެއްގެ ވާހަކަ އެވެ.

އެގޮތުން ފުލުހުންގެ ވަޒީފާއާ ގުޅުމަށްފަހު މަރުގެ މައްސަލައެއް ތަހުގީގު ކުރުމުގައި އޭނާ މަސައްކަތް ކުރާ ގޮތް އެ ފިލްމުން ފެނިގެންދާނެ އެވެ.

"ސަންތޯސް"އާއެކު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓެގަރީއަށް ހިންދީ ދެ ފިލްމު ވާދަކުރާނެ އެވެ. މީގެ ކުރިން އިންޑިއާގެ ރަސްމީ ހުށައެޅުމެއްގެ ގޮތުގައި ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް" ވެސް ވަނީ އޮސްކާއަށް ނޮމިނޭޓް ކުރެވިފަ އެވެ.