ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯޓްގެ ކުރިއަށް އޮތް ފިލްމް އެމަޖެންސީއާ ގުޅިގެން އިންޑިއާގެ ސެންސަރު ބޯޑުން ނިންމި ނިންމުމަށް އެންމެ ފަހުން އޭނާ އެއްބަސްވެއްޖެ އެވެ.

އެ އިދާރާއިން ނިންމާފައިވަނީ ކަންގަނާ ޕްރޮޑިއުސްކުރާ އެ ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތައް އުނި ކުރުމަށެވެ. އެ ނިންމުމަށް ކަންގަނާ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ގޮތް ހުސްވުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

"އެމަޖެންސީ"އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށްވާއިރު އެ ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތަކުން ގައުމުގެ މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް ސެންސަރު ބޯޑުން ބުނެފައިވެ އެވެ.

ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ރިލީޒް ކުރަން ހަމަ ޖެހިފައި އޮތް އެ ފިލްމަށް ސެންސަރު ބޯޑުގެ ހުއްދަ ނުލިބުމުން ސިނަމާތަކުގައި ފިލްމު އެޅުވުން ވަނީ ފަސްކުރެވިފަ އެވެ.

ސެންސަރު ބޯޑުގެ މި ނިންމުމާއެކު ދެން އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އެ އިދާރާއިން ފިލްމަށް ގެންނަން ބުނެފައިވާ އުނި އިތުރުތައް ގެނައުމަށްފަހު އެވެ.

"އިމަޖެންސީ"ގެ ލީޑު ރޯލުތަކުން ފެންނާނީ ކަންގަނާގެ އިތުރުން ސަތިޝް ކައުޝިކް، އަނުޕަމް ކޭރް، މަހީމާ ޗައުދަރީ އަދި ޝްރެޔަސް ތަލްޕަޑޭ އެވެ.