މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މި އޮފީސް އިމާރާތް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް އެކެއްގަ އެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ވަނީ އެ އޮފީސް އިމާރާތްކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

އެ އިއުލާނުގައި ބުނީ، ހުޅުމާލޭގައި ކޯޕަރޭޓް އޮފީސް އިމާރާތެއް ތަރައްގީކުރަން ހުޅުވާލި ޕްރޮޖެކްޓަށް ފައިނޭންސް ކުރުމާ ގުޅޭ އީއޯއައިއެއް މިހާރު ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކަށް ވެސް އިންސާފުވެރި އަދި ވާދަވެރި ފުރުސަތެއް ހޯދައިދިނުމަށްޓަކައި އެ ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށް އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ.

ދިހަ ބުރީގެ އެ އޮފީސް އިމާރާތުގެ ޕްލޮޓް ސަރަހައްދުގައި 9،582.1 އަކަފޫޓު ހުރިއިރު، އިމާރާތްކުރެވޭ ސަރަހައްދުގައި 6،922.2 އަކަފޫޓު ހުންނާނެ އެވެ. އިމާރާތްކުރުމުގެ އުސްމިނުގައި 35.0 މީޓަރު ހުންނާނެ އެވެ.

ކޮންޓްރެކްޓާގެ 100 ޕަސެންޓް ފައިނޭންސްގައި މި އިމާރާތުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޝައުގުވެރިކަންފާޅު ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.

މި އިމާރާތުގައި އޮފީހުގެ އިތުރުން ރެސްޓޯރަންޓާއި ރީޓެއިލް، ހެލްތު އެންޑް ވެލްނެސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގޭނެ ފެސިލިޓީތައް ހުންނާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. އެމްޕީއެލްގެ އޮފީސް އިމާރާތް މިހާރު ހުންނަނީ މާލެ، ޕޯޓް ސަރަހައްދުގަ އެވެ.