މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް މިހަފްތާ ތެރޭގައި ދިނުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިއްޓަވިއުއެއްގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސް ދިނުމަށް ބޭނުންވާ ދިރާސީ މަސައްކަތް ނިމި، އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ. އެއާއެކު މި ހަފްތާ ތެރޭގައި ބޭންކް ލައިސަންސް ދެވި ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސް މި ހަފްތާތެރޭގައި ދޫކުރާއިރު، އެ ބޭންކުގެ އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށްދެ އެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރަނީ ޗާންދަނީ މަގާއި އަމީރު އަޙްމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީ ބުރީގަ އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ރައީސް މުހައްމަދު މުއިއްޒު އެ ބޭންކު އުފެއްދީ މިދިޔަ މޭ މަހު 16 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ)ގެ ނަމުގައި ހާއްސަ އޮތޯރިޓީއެއް ވެސް އުފައްދައިފަ އެވެ. އެ އޮތޯރިޓީ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން މަޝްވަރާ ކުރި އެވެ.