ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ޖުލައި މަހު ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހއ. ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލު ކުރުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ވެގެން ދާނީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލައި، އިންވެސްޓަރުން ރާއްޖޭގައި ޔަގީންކަމާ އެކުގައި ރާއްޖޭގައި އިންވެސްޓް ކުރާ ބޭންކަކަށް ކަމަށެވެ.

ސައީދު ވިދާޅުވީ ބޭންކް އެކުލަވާލުމަށް ބޭނުންވާ ގަވައިދު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ސަބަބުން މަޝްރޫއުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް މިދިޔަ މަހު ވަނީ އުފައްދައިފަ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ނަމުގައި އުފެއްދި މި އޮތޯރިޓީގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

ސައީދު ވިދާޅުވީ އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށެވެ.