ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ ފަޔަށް ވަޒަން އެރި ހާދިސާގައި ފުލުހުންނަށް ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި ގޯވިންދާގެ ފަޔަށް ވަޒަން އެރީ އޭނާގެ އަތުގައި އޮންނަ ބަޑިއެއް ސާފުކޮށް ޗެކު ކުރުމުގެ ތެރޭގައި ކަމަށް ގޯވިންދާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

އެހެން ނަމަވެސް އެ ހާދިސާ ހިނގާ ދިޔަގޮތް ގޯވިންދާ ކިޔައިދިންއިރު ޝައްކު ކުރެވޭ ކަންތައްތަކެއް ފުލުހުންނަށް ފާހަގަވި ކަމަށް ފުލުހުންގެ މަސްދަރަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެހެން ކަމުން ފުލުހުން ތަހުގީގު ކުރަމުން އައި އެ މައްސަލައިގެ އިތުރު ތަހުގީގު ކުރަން އެ އިދާރާގެ ހާއްސަ ކްރައިމް ބްރާންޗުން ފަށާފައިވާ ކަމަށް ވެސް ބުނެވެ އެވެ.

އެ ހާދިސާގައި ގޯވިންދާގެ ކަކުލަށް ވަޒަން އެރިއިރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.

ގޯވިންދާއަކީ 1990ގެ އަަހަރުތަކުގައި ބޮލީވުޑްގެ ހެއްވާ މަޖާ ފިލްމުތަކުން މަޝްހޫރުވި ފަންނާނެކެވެ. "ކޫލީ ނަމްބަރު 1" އަދި "ހީރޯ ނަމްބަރު 1" ފަދަ ފިލްމުތަކަކީ އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތެކެވެ.