ދެ މަސް ދުވަހުން މަރާމާތުކޮށް ނިންމުމުމަށް ބަންދުކުރި އާސަހަރާ މަރާމާތަށްފަހު 16 މަސްފަހުން މިއަދު ހުޅުވައިފި އެވެ.

އާސަހަރާ މިސްކިތް ތަރައްގީކުރުމަށްފަހު ހުޅުއްވާދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އާސަހަރާ މިސްކިތް މަރާމާތުކުރަން ހަވާލުކުރީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި 2023 ވަނަ އަހަރު މޭމަހު އެވެ. ދެމަހުން ނިންމަން ކަމަށް ބުނެ ފެށި މަސައްކަތް ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ނުނިމި، ފެއިލް ވުމުން އެ މަސައްކަތް ނިންމާފައި މިވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް މޭޔަރުކަމާ ހަވާލުވުމަށްފަހު އެވެ.

އާސަހަރާ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ނަމަވެސް އާޒިމް ހަވާލުވުމަށްފަހުވެސް ގިނަ ދުވަސް ތަކެއް މަރާމާތަށް ހޭދަވިކަން ފާހަގަކުރެވެ އެވެ.

އާސަހަރާ މިސްކިތާއި ހިނަވާ ބައި ބޮޑުކޮށް މަރާމާތަށްފަހު މިއަދު ހުޅުވިއިރު، މިސްކިތުގެ ޖާގަބޮޑުކޮށް ދެ ފަންގިފިލާ އޭސީކޮށް ނާމާދުކުރެވޭގޮތަށް ވަނީ ހަދާފަ އެވެ. ކުރިން ދެ ކޮޓަރިހުރި ތަނުގައި، މައްޔިތާ ހިނެވުމަށް ޚާއްސަ 3 ކޮޓަރި މިހާރު ހުރެ އެވެ. ހިނަވާ ގޭގައި ތަނުގެ މުވައްޒަފުންނާއި ޖަމާތްތެރިންނަށް ތިބެވޭނެ ކޮޓަރިއެއްވެސް ވަނީ ހަދާފަ އެވެ.

ފުރަތަމަ މި މަސައްކަތް ހަވާލުކޮށްފައިވަނީ 3.9 މިލިޔަން ރުފިޔާ އަށް ރައީސް މުއިއްޒުގެ މަސްލަހަތު އޮތް ކުންފުޏަކަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް މަސައްކަތް ކުރިއަށް ނުގޮސް އޮތުމަށްފަހު ދެ ފަހަރެއްގެ މަތިން ހެދި ކޮންޓްރެކްޓް ބާތިލުކޮށްފައިވެ އެވެ. އެއަށްފަހު އެތަން ތަޅާލިގޮތަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އެތައް ދުވަހަކު އޮތެވެ.

އާސަހަރާ މިސްކިތް މިހާ ގިނަ ދުވަސް ތަކަކަށް ބަންދުކޮށްފައި ހުރުމުން ރައްޔިތުންނަށް އެތައް ތަކުލީފު ތަކާ ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ބަންދުކުރުމަށްފަހު ނިންމީ، ވާރޭ ވެހިލާއިރަށް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ހުޅުމާލެ ސަހަރާގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށްފަހު ވަޅުލަން އާސަހަރާއަށް ގެންދާގޮތަށެވެ. އޭގެފަހުން ހުޅުމާލެ ސަހަރާގެ ފެންބޮޑުވާ މައްސަލަ ހައްލުކޮށް އެތާންގައި ހިނެވުމާއި ވަޅުލުމުގެ ކަންކަން ކުރަމުންދިޔަ އެވެ.

ރައީސް މުއިއްޒުއަށް މޭޔަރުކަމުގައި މިވަރުގެ ކުޑަ ޕްރޮޖެކްޓެއް ނުނިންމި ފެއިލްވި ކަމެއްގައި މިއަދު ރައީސް މުއިއްޒުގެ މެގަ ޕްރޮޖެކްޓެއް ނިންމާ ހުޅުވީކަމަށް ދައްކަން ސަރުކާރުގެ ސިޔާސީ ވެރިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.