ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހިންގެ ތެރޭގައި މޫލާފައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ރައީސްގެ ދޮގު ލިސްޓެއް އާއްމުކުރައްވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދޮގު ހަބަރު ފެތުރުން އާއްމުވެ އެކަމުގެ ސަބަބުން ދައުލަތަށް ވެސް އިންތިހާ ގެއްލުންވާކަމަށެވެ.
މިކަމާ ގުޅިގެން ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސު އިސްލާހުކޮށް އެހެން މީހުންނަށް ނަމޫނައަކަށް ވާން ޖެހޭކަމަށެވެ.
މަގާމުގައި ހުންނެވީތީ ކޮންމެފަދަ ވާހަކައެއްވެސް ދެއްކެވިދާނެ ކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައީސް ހައްދަވާފައިވާ ބައެއް އިތުރުފުޅުކަމަށް ވިދާޅުވެ ލިސްޓެއް ހިއްސާކުރައްވާފަ އެވެ.
"ހުސްގޮނޑި، ރ.ޔާމީނު މިނިވަންކުރުން، އިންޑިއާ ސިފައިން، ގެއްލުނު ކަނޑު، މާލޭ ރައްޔތުންގެ ފްލެޓްތަކާ ބިންތައް، 3 ބްރިޖް، ރަސްމާލެ ޓަނަލް، ވަޢުދުފޮތް މަނިކުފާނު އުފަންކުރި، ފަތުރަމުންދާ ދޮގުތަކުން ބައެއް" ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސްގެ ސަބަބުން ދޮގާ މަކަރު ހެދުން އެއީ މިއަދު ގައުމީ ރުކުނަކަށް ވެއްޖެކަމަށާއި އެ މަނިކުފާނުގެ ރޯލް މޮޑެލްއަކީ އަބްދުއް ރަހީމް އަބްދުﷲ ކަމަށެވެ.
" ވައްކަން، ހުތުރު އެއްޗެހި ކިއުން އެއީ ތިޔަ ސަގާފަތުގެ ސުންނަތް" އޭނާ ވިދާޅުވި އެވެ.
ޖަމީލް ރައީސް މުއިއްޒުގެ ދޮގުލިސްޓް ހާމަކުރެއްވި އިރު، އެކަންކަމަކީ ރައީސް މުއިއްޒަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ކަންކަމެވެ.
އެގޮތުން ރައީސް މުއިއްޒު ރިޔާސީ ކެމްޕޭން ކުރެއްވިއިރު ރައީސް ޔާމީން އަށް ހާއްސަކުރެވިފައިވާ ހުސްގޮނޑިއެއް ދައްކަވާގެން އުޅުއްވުމަށްފަހު މަގާމު ލިބިވަޑައިގަތުމުން ރައީސް ޔާމީންއަށް ނުބެއްލެވިކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މީގެ އިތުރުން ގެއްލުނު ކަނޑު އަނބުރާ ރައްޔިތުންނަށް ހޯއްދަވާ ދެއްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާއި، އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމަށް ވެ ވަޑައިގެންނެވި ވައުދާއި ކުރީގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ އެންމެނަށް ފްލެޓް ލިބޭނެކަމަށް ރައީސް ވިދާޅުވެ އަދިވެސް ފްލެޓް ނުދެއްވުން ފަދަ ކަންކަން ފާހަގަކޮށްލެވެ އެވެ.