ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދެވޭގޮތް ހަދަން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭގޮތް ހެދުމަށް ގާނޫނަށް އިސްހު ހުށަހަޅަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުގެ ފުރަތަމަ 25 ޕަސެންޓު ބަހާލަނީ މެންބަޝިޕްގައި 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަނޑައަޅަނީ ބަޖެޓުގެ 25 ޕަސެންޓު ކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށް ބަލައި، އެފަދަ ޕާޓީތަކަށް 30 ޕަސެން އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައި 20 ޕަސެންޓު ބަޖެޓުން ދިނުމަށް ގާނޫނު އިސްލާހުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަމައެކަނި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާދޭން ފެށީ ރާއްޖޭގައި އަލަށް ފެށި ނިޒާމަކަށް ވެފައި އެ ނިޒާމް ހިންގުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ނަމަވެސް އެ ފައިސާ ދޭތާ އެތަކެއް އަހަރުވެފައިވާއިރު، އެ މަގްސަދު ހާސިލުވެފައިވާތީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދިނުމަކީ މިހާރު ކުރަންޖެހޭ ކަމެއް ނޫން ކަމަށް އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.