ބައެއް ވަޒީފާތަކަކީ ޑިއުޓީ ގަޑިތައް ކަނޑައެޅިގެން އެނގެން ހުންނަ ކަހަލަ ވަޒީފާތައް ކަމަށްވިޔަސް ގިނަ ވަޒީފާތަކަކީ ޑިއުޓީ ގަޑި ނޫނަސް އޮފީހުގެ މަސައްކަތުގައި ހޭދަ ކުރަންޖެހިދާނެ ކަހަލަ ވަޒީފާތަކެވެ. މީގެ ސަބަބުން އެ މަސައްކަތް ތަކާއި ހެދި ބޯ ގޮވާފަ ހުރުމުގެ އިތުރަށް ބޮޑު ބޮލުގެ ރިހުމަކަށް ބަދަލުވެގެންދެ އެވެ.

ބައެއް ފަހަރު އާއިލާ އާއިއެކު ހޭދަކުރެވޭ ވަގުތުތަކުގައި ވެސް އޮފީސް މަސައްކަތްތައް މަތިން ހަދާންވޭ ދޯ އެވެ؟ މިއީ ހަގީތަތުގައި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އޮފީސް މަސައްކަތް އެންމެ ރަނގަޅަށް ނިންމަން ހަދައިގެން ގޭތެރޭ މަސައްކަތަށް ފަރުވާކުޑަކުރެވޭ ފަހަރު މަދުން ނަމަވެސް އާދެ އެވެ.

އެހެންކަމުން މިފަހަރު މިކިޔައިދެނީ އޮފީސް މަސައްކަތް އޮފީހުގައި ބަހައްޓާނެ ބައެއް ގޮތްތަކެކެވެ.

މަސައްކަތްތައް ރަނގަޅަށް ރާވާލާ

ގިނަ ފަހަރަށް މާ މަސައްކަތް ގިނަ ވީމަ ސިކުނޑި ސުމަކަށްދޭ ދޯ އެވެ؟ އަދި އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވި ވަރަށް ވަގުތު ވެސް ބޭކާރުވެގެންދޭ ދޯ އެވެ؟

މިކަން ހައްލުކުރެވޭނެ ވަރަށް ފަސޭހަގޮތެއް އެބައޮތެވެ. ނިންމަން ޖެހިފައިހުރި މަސައްކަތްތަކުގެ "ޓު ޑޫ" ލިސްޓެއް ހަދާށެވެ. ނޯޓު ފޮތެއްގައި ނުވަތަ ޓާސްކް މެނޭޖްމެންޓް އެޕެއްގައި ވެސް މިކަން ކުރެވިދާނެ އެވެ. އަދި ސިކުނޑީގައި މަސައްކަތްކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ރާވާ އެއާ އެއްގޮތަށް، ތަރުތީބުން މަސައްކަތްތައް ނިންމަމުންދާށެވެ. އޭރުން އެދުވަހެއްގައި ނިންމަން ޖެހޭ މަސައްކަތްތައް ފަސޭހަކަމާއިއެކު ނިންމާލުމަށްފަހު ހާސްކަމެއްނެތި ގެއަށް ދާންވީ އެވެ.

އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅުން ބަދަހިކުރޭ

ބައެއްކަހަލަ ވަޒީފާ ތަކުގައި، ނުވަތަ ވަޒީފާގައި ތިމާ އާއި ހަވާލުވެފައި އޮންނަ މަސްއޫލިއްޔަތުގެ ގޮތުން އަބަދުވެސް "އެލާޓް" ގައި ތިބެންޖެހެ އެވެ. އެހެންކަމުން ޑިއުޓީ ގަޑި ނޫން އެހެން ގަޑިއަކުގައި އެހެން މީހުންނަށް ތިމާއަށް ގުޅޭނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާށެވެ.

މިސާލަކަށް 4 ޖަހާއިރު އޮފީސް ނިމޭނަމަ އޭގެ ފަހުން ކަމެއްދިމާވެއްޖެނަމަ މެސެޖް ނުވަތަ އީމެއިލް ކޮށްލަން އެކުގައި މަސައްކަތްކުރާ މީހުން ކައިރީ ބުނެވިދާނެއެވެ. އޭރުން ވަރަށް މުހިއްމު ކަމެއްގައި ނޫންގޮތަކަށް އާއިލާ އާއި އެކުގައި ވަގުތު ހޭދަކުރާ ވަގުތުތަކުގައި އޮފީސް މަސައްކަތްތަކާ ހާސްވާކަށް ނުޖެހޭނެއެވެ. އެކުގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އެ އަންޑަސްޓޭންޑިން އޮންނަނަމަ ވަރަށް ފަސޭހަވާނެއެވެ.

އޮފީސް މަސައްކަތް އޮފީސް ގަޑީގައި ނިންމާ

ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި އެންމެ ފަސޭހައިން މަސައްކަތް ކުރެވެނީ އޮފީހުގެ ރަސްމީ ގަޑި ނިމި އެންމެން ގެއަށް ދިއުމުންނެވެ. އޭރުން އެއްވެސް މީހެއްގެ އުނދަގުލެއް ނުވެ ނިކަން ފަސޭހައިން މަސައްކަތް ނިންމާލެވޭނެއެވެ.

އެހެން ނަމަވެސް އޮފީސް ގަޑި ނޫން ގަޑިތަކުގައި އޮފީސް މަސައްކަތްތަކާ ކަންބޮޑުވާން ބޭނުންނުވާނަމަ އޮފީސް މަސައްކަތް އޮފީސް ގަޑީގައި ނިންމަން އާދަކުރާށެވެ.