ބަފައިންގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ތުއްތު ދަރިފުޅުގެ ސިއްހަތަށް އަސަރުކުރާ ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން އެނގިއްޖެ އެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން ހެދި އެ ދިރާސާގައި ވަނީ ބައްޕަގެ ދިރިއުޅުމާއި އަލަށް އުފަންވާ ތުއްތު ދަރިފުޅުގެ ސިއްހަތާ ހުރި ގުޅުން ހޯދާފަ އެވެ.

އެގޮތުން ކޮލެސްޓްރޯލް މަތި ކެއުންތައް ކެއުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރިފަނީގެ ބާރު ދެރަވެ އުފަންވާ ދަރިފުޅުގެ ސިއްހަތު ދެރަވާ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ހަމައެއާއެކު ބޮޑުވަމުން އަންނަ ވަރަކަށް އީޓިން ޑިސްއޯޑާތަކާއި ފަލަބަލި ފަދަ ބަލިތަކަށް ކުޑަކުދިން ހުށައެޅުމުގައި ވެސް ބަފައިންގެ އާދަތައް ބޮޑު ދައުރެއް ކުޅޭކަން އެ ދިރާސާއިން އެނގިފައިވެ އެވެ.

މީގެ އިތުރުން އެ ދިރާސާގައި ބުނެފައިވަނީ ބައްޕަގެ ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކުޑަ ދަރިފުޅު ނަފްސާނީ ބަލިތަކަށް ވެސް ހުށައެޅޭ ކަމަށެވެ.

މި ގޮތަށް ބަފައިންގެ ސަބަބުން އަސަރުކުރާ އަންހެން ކުދިންގެ އަދަދު ފިރިހެން ކުދިންނަށްވުރެ އިތުރު ކަމަށް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މައިންގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކުޑަ ދަރިފުޅަށް އަސަރު ކުރާކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް މި ދިރާސާއާއެކު ބަފައިންގެ ޒިންމާވެސް ބޮޑުވީ އެވެ.