ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫންގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މި ގައުމަށް ކޮށްދެއްވި ހިދުމަތަށް އިހްތިރާމުކުރައްވާ ސަރުކާރުން ވަކިވާންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ޣައްސާންއަށް ނަސޭހަތްތެރިވެފައި ވަނީ މިއަދުގެ ސަރުކާރުން އިންޑިއާއާއެކު ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް އަސަރުކުރާފަދަ ކަންކަން ކުރަމުންދާކަން ފާހަގަ ކުރައްވަމުންނެވެ.

ޣައްސާން މައުމޫންގެ ފަހަތުގައި ރައްޔިތުން ވަރަށް ލޯބިވާ ފަހުރުވެރިވާ ބޭފުޅެއް ކަމަށްވާ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުމުގައި ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް މައުމޫން އެބަ ހުންނެވި ކަމަށާއި އެފަދަ ބޭފުޅަކުކޮށްދެއްވާފައިވާ މަސައްކަތްތަކަށް އިހްތިރާމު ކުރައްވާ ޣައްސާން ސަރުކާރުން ވަކިވާންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައީސް މައުމޫން އަކީ މި ގައުމުގެ މިނިވަންކަމާ ސިޔާދަތު ވަރަށް ވަރުގަދައަށް ހިފެހެއްޓެވި އަޅުގަނޑުމެން ފަހުރުވެރިވާ ރައީސް، އެކަމަކު ބައްލަވާ މުއިއްޒު ރައީސް މައުމޫންގެ ދަރިފުޅު ލައްވާ ނޫންތޯ މި ހުރިހާ ގޯހެއް މި ހައްދަވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޣައްސާން އަށް ދިރިއުޅެވޭނެ ގޮތް އޮންނާނެ ކަމަށާއި ފިރިހެނެއްނަމަ އިސްތިއުފާ ދީފައި ދުރަށްދާން ޖެހޭ ކަމަށެވެ.

"ޣައްސާން ބަހައްޓައިގެން މިހުރިހާ ކަމެއްކުރަން އަޅުގަނޑަކީވެސް ޣައްސާންގެ ބޮޑުބޭބެ، އަޅުގަނޑުވެސް ގަބޫލެއްނޫން. އަޅުގަނޑަށް ޔަގީން ކަށަވަރު ރައީސް މައުމޫންވެސް ބޭނުންފުޅު ނުވާނެކަން،" ޔާމީން ވިދާޅުވި އެވެ.

ޣައްސާން ހުންނަވައިގެން މިހުރިހާ ކަމެއް ކުރެއްވުމުން ރައީސް މައުމޫންގެ ތާރީހަށް ހިޔަނި އެޅިގެންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.