ބޮލީވުޑްގައި މިހާރު ނަން ހިނގާ މަޝްހޫރު ތަރިންނަކީ ވެސް އެއްއިރެއްގައި އެ ދާއިރާއަށް އާ ތަރިންނެވެ. ދާއިރާއަށް ވަނުމުގެ ކުރިން އެހެނިހެން ވަޒީފާތަކުގައި ވެސް އުޅުނު ތަރިންނެވެ. މި ލިޔުމުގައި މި ބަލާލަނީ މިހާރު ބޮލީވުޑްގައި ނަން ހިނގާ ތަރިންގެ ފުރަތަމަ މުސާރަ އަށެވެ.
ރިތިކް ރޯޝަން
ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ރިތިކް ރޯޝަންގެ އެންމެ ފުރަތަމަ ފިލްމަކީ އުމުރުން އެންމެ ހަ އަހަރުގައި އޭނާ ފެނިގެންދިޔަ ފިލްމު "އާޝާ" އެވެ. އެ ފިލްމުން މުސާރައިގެ ގޮތުގައި ލިބުނު 100 ރުޕީސްއަށް ރިތިކް ގަތީ ކުޅޭ ކުޅޭ ކާރެކެވެ.
އަނުޝްކާ ޝަރްމާ
އެންމެ 2000 ރުޕީސްއަށް ފުރަތަމަ މޮޑެލިން އެސައިންޓްމަންޓްގައި ސޮއިކުރި އަނުޝްކާ ޝަރްމާއަކީ މިއަދު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ އަގުބޮޑު އެއް އަންހެން ތަރި އެވެ.
ޝާހްރުކް ޚާން
ނިއު ދިއްލީއަށް ނިސްބަތްވާ ޝާހްރުކް ޚާން މުމްބާއީއަށް އައުމަށްފަހު އެޓެންޑީއެއްގެ ގޮތުގައި އެންމެ ފުރަތަމަ ލިބުނު 50 ރުޕީސްގެ މުސާރައިން އޭނާ ގަނެފައިވަނީ ތާޖް މަހަލް ބަލާލަން ދާން އާގްރާގެ ރޭލު ޓިކެޓެކެވެ. މިއަދު އޭނާއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެއް ތަރި އެވެ.
އާލިއާ ބަޓް
އުމުރުން އެންމެ ހަ އަހަރުގައި އާލިއާ އޭނާގެ އެންމެ ފުރަތަމަ ފިލްމު "ސަންގަރްޝް"އިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފެނުނުއިރު އެ ފިލްމުގައި އޭނާ ދައްކުވައިދިން ކެރެކްޓަރަށް ލިބިފައިވަނީ 15000 ރުޕީސް އެވެ.
އަކްޝޭ ކުމާރު
މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ އަކްޝޭ ކުމާރު އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ބެންކޮކްގެ ރެސްޓޯރެންޓައި ވެއިޓަރެއްގެ ވަޒީފާ އެވެ. އެ ވަޒީފާއިން އޭނާއަށް ލިބުނީ މަހަކު 1500 ރުޕީސް އެވެ.
ޕްރިޔަންކާ ޗޯޕްރާ
ވަރަށް ހަގު އުމުރެއްގައި މޮޑެލިން ކެރިއަރު ފެށި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފުރަތަމަ އެސައިންމަންޓަށް ނެގީ 5000 ރުޕީސް އެވެ. އެ އާމްދަނީ ޕްރިޔަންކާ ހަދިޔާކުރީ އޭނާގެ މަންމައަށެވެ. މިއަދު އޭނާއަކީ މުޅި ދުނިޔެއަށް މަޝްހޫރު ބައިނަލްއަގްވާމީ ތަރިއެކެވެ.
އަމީތާބު ބައްޗަން
ބޮލީވުޑްގެ "ޝެހެންޝާހް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމީތާބް ބައްޗަން ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ވަޒީފާ އަދާކުރީ ޝިޕިން ކުންފުންޏެއްގެ އެގްޒެކިއުޓިވް މަގާމުގައި މަހަކު 500 ރުޕީސް އަށެވެ.
ދީޕިކާ ޕަދުކޯން
ބޮލީވުޑަށް ވަނުމުގެ ކުރިން ކާމިޔާބު މޮޑެލިން ކެރިއަރެއް ހޭދަކުރި ދީޕިކާގެ ފުރަތަމަ އެސައިންމަންޓަށް އޭނާ ނެގި އަގަކީ 2000 ރުޕީސް އެވެ. އޭނާއަކީ މިހާރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް އަންހެން ތަރިންގެ ތެރޭގައި ގުނާލެވޭ ތަރި އެކެވެ.