އަށާރަ އަހަރު ފުރޭ ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުން މިއަދު އަޑުފުލަންޖެހޭ ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ޒުވާނުންގެދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަންފެށި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ރައީސް ސޯލިހު ހަމަޖެއްސެވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަމަށެވެ.

ޝާހިދު ވިދާޅުވީ ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، 18 އަހަރު ފުރޭ ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް މިއަދު އަޑުފުލަންޖެހޭކަމަށެވެ.

"ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުންވެސް އަޒުމު އާކުރަންވީ، ބުރަމަސަތްކަތާއި ގުރުބާނީއިން ހޯދި ހައްގުތައް ހިފެހެއްޓުމަށް" އޭނާ ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ދުންފަތުގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުމަށް ނިންމަވާފަ އެވެ.

ޝާހިދު ވަނީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް ފޮނުއްވާފަ އެވެ.