ހަ އަހަރު ދުވަހު އެކުގައި އުޅުމަށްފަހު ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޯ ޖޯނަސްއާއި ސޯފީ ޓާނާގެ ކައިވެނި ރޫޅުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އެ ދެތަރިންގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބު މީޑިއާއަށް އެނގިފައިނުވާއިރު ދާދި ފަހުން ލަންޑަންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯފީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ސޯފީ ބުނީ ގާނޫނީ ކަންތައްތަކެއް ހިނގަމުން ދާތީ އެކަމުގެ މާ ބޮޑު ތަފްސީލެއް ދެވެން ނެތް ކަމަށާއި އެހެން ނަމަވެސް އެ ދެތަރިންގެ ގުޅުމަކީ އުފާވެރި ގުޅުމެއް ކަމަށާއި އެ ގުޅުމަށް ނިމުން އައި ގޮތް ވަރަށް ހިތާމަވެރި ކަމަށެވެ.

2019 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ސޯފީ ވަނީ ޖޯއާއެކު އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް ވަރިވުމަށްފަހު މިހާރު ސޯފީ ދިރިއުޅެމުން އަންނަނީ ލަންޑަނުގަ އެވެ.

އެމެރިކާގައި ދިރިއުޅެމުން އައި ދުވަސްވަރު އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި އުޅެން ޖެހުމުން ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ސޯފީ ބުންޏެވެ.

ޖޯއާއި ސޯފީގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެމީހުން ވަނީ އެމީހުންގެ ދަރިންގެ ބަލަދުވެރިކަން ހިއްސާ ކުރަން އެއްބަސްވެފަ އެވެ.

ޖޯ ކައިރިން ވަރިވުމަށްފަހު ސޯފީ މިހާރު އުޅެނީ އިނގިރޭސި ޝަހްސިއްޔަތެއް ކަމަށްވާ ޕެރެގްރިން ޕިއާސަންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.