މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގެ މެމްބަރު ލިއަމް ޕޭންގެ ހަށިގަނޑު އަދިވެސް އޭނާގެ އާއިލާއާ ހަވާލު ނުކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ލިއަމް މަރުވިތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ އާޖެންޓީނާގެ ފުލުހުންގެ ހަވާލުގަ އެވެ.
ލިއަމްގެ ހަށިގަނޑު އަނބުރާ އިނގިރޭސި ވިލާތަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުމަށް އޭނާގެ ބައްޕަ މިވަގުތު ވެސް ހުރީ އާޖެންޓީނާގަ އެވެ.
އެގޮތުން އާޖެންޓީނާގައި ލިއަމްގެ ހަށިގަނޑު އެމްބާމް ކުރުމަށްފަހު އޭނާގެ ހަށިގަނޑު އިނގިރޭސި ވިލާތަށް ގެންދެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެން ކަމުން ލިއަމްގެ ޖަނާޒާ އޭނާގެ އަމިއްލަ ގައުމުގައި އޮންނާނެ ކަމަށް ބެލެވެނީ މިހަފްތާގެ ފަހުކޮޅު އެވެ. އެއީ އޭނާގެ މަރަށް ތިން ހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އުމުރުން 31 އަހަރުގައި ލިއަމް މަރުވީ އާޖެންޓީނާގެ ބުއެނޯ އެއިރެސް ހޮޓަލުގައި އޭނާ މަޑުކޮށްގެން ހުރި ކޮޓަރީގެ ބެލްކަނިން ވެއްޓިގެންނެވެ.
ލިއަމްގެ މަރަށްފަހު ފުލުހުން ކުރި ތަހުގީގުތަކުން އޭނާ މަރުވިއިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރިކަން ވަނީ އެނގިފަ އެވެ.