މިއަހަރުގެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން، އެ އެވޯޑަށް ހުށަހެޅުނު އުފެއްދުންތަކަށް އިންސާފުކުރި ފަނޑިޔާރުންގެ ޓީމުން ނެރުނު ނޫސްބަޔާން މީޑިއާ ކައުންސިލުން ދޮގުކޮށްފި އެވެ.
ތަހުގީގީ ވީޑިއޯ ކެޓަގަރީން އަދަދު ނޫހުން ގެނެސްދިން ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ދޮންމަންމައަށް ހެދި އިހާނެތިގޮތުގެ ތަފްސީލް ހިމެނޭ ސްކީލާން ޑޮކިއުމެންޓްރީއަށް އެވޯޑު ލިބުނު މައްސަލައިގައި ފަނޑިޔާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެވޯޑް ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
އެގޮތުން އެވޯޑް ނޮމިނޭޝަން ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅުމުގައި އެމްއެމްސީން ރަނގަޅަށް ދިރާސާކޮށްފައި ނުވާކަމަށާއި މިކަމާ ގުޅިގެން ފަނޑިޔާރުން އެމްއެމްސީއާ ކުރި ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާކަމަށްވެސް ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެމްއެމްސީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ނޫސްބަޔާނުގައި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހިމަނާފައިވާ ކަމަށެވެ. އަދި އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް އެ ކައުންސިލުން ކޮށްފައި ނުވާނެ ކަމަށް އެމްއެމްސީން ބުނެފައިވެ އެވެ.
އެވޯޑެ މައްސަލައިގައި އޭސީސީންވެސް ވަނީ ތަހުގީގެއް ފަށާފަ އެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި އޭސީސީން ވަނީ އެމްއެމްސީއަށް ވަދެ އެކަމާއި ގުޅޭ ބައެއް ލިޔެކިޔުން ގެންގޮސްފައިކަމަށް މައުލޫމާތު ލިބެ އެވެ. ގިނަ މީހުން ސިފަކުރާ ގޮތުގައި ސަރުކާރުން ދަނީ މިނިވަން ނޫސްވެރިކަމާއި މީޑިއާތަކަށް ނުފޫޒުފޯރުވަމުންނެވެ.