އަދަދު ނޫހުން ހުށަހެޅި ސްކީލާން ޑޮކިއުމެންޓްރީއަށް އެވޯޑު ލިބިފައި ވަނީ އަބްދުﷲ އަޒްމީނާއި ޝަމްއާން ޝާކިރު އަދި އަޝްވާ ފަހީމް މާކްސްދީގެންކަން ހާމަވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު، ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ޖީ ސްކީލާން ދޮގު އިލްޒާމް އަޅުވައި ރާއްޖެއިން ޑީޕޯޓްކޮށް އޭނާއާ މެދު އަމަލުކުރި އިހާނެތި ގޮތްތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި ސްކީލާން ޑޮކިއުމެންޓްރީއަށް އެވޯޑުދީފައި ވަނީ ފަނޑިޔާރުންގެ ނިންމުމާ ޚިލާފަށް ކަމަށް ބުނެ ސަރުކާރު އަޑީގައި އޮވެގެން ދަނީ ދޮގު ވާހަކަތަކެއް ފަތުރަމުންމެވެ.
އެއީ ގަވާއިދާ ޚިލާފަށް ދީފައިވާ އެވޯޑެއްކަން ދެއްކުމަށްޓަކައި ފަނޑިޔާރުންނަށް ބިރުދައްކައިގެން ސަރުކާރުން ވަނީ އެ މީހުން ލައްވައި އެ އެވޯޑާ ދެކޮޅަށް ބަޔާނެއް ނެރުވާފަ އެވެ. "ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ބަޔާނުގައި ބައެއް ފަނޑިޔާރުން ލައްވައި ސޮއިކުރުވީ އޮޅުވާލައިގެންނެވެ.
ރައީސް މުއިއްޒުގެ އަރިސް މީހެއް ކަމަށްވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްއޭސީއެލްގެ މީޑިއާގައި މަސައްކަތް ކުރާ މަރިޔަމް ޝިއުނާ މެންފަދަ ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން އަންނަނީ އެއީ މީޑިއާ ކައުންސިލުން ރާވައިގެން ދިން އެވޯޑެއް ކަމަށް ބުނެ އެ ކައުންސިލް ބަދުނާމުކޮށް ދޮގު ވާހަތައް ސޯޝަލް މީޑިއާގައި ފަތުރަމުންނެވެ.
މީޑިއާ ކައުންސިލުން މިރޭ ވަނީ އަބްދުﷲ އަޒްމީނާއި ޝަމްއާން ޝާކިރު އަދި އަޝްވާ ފަހީމް މާކްސް ދީފައިވާ ޝީޓްތައް ހާމަކޮށްފަ އެވެ.
އެގޮތުން އަޒްމީން ދީފައިވާ މާކްސްގެ ޖުމްލަ އަކީ 75.6 ޕަސެންޓެވެ. ޝަމްއާން ދީފައިވާ މާކްސްގެ ޖުމްލަ އަކީ 66.5 ޕަސެންޓެވެ. އަދި އަޝްވާދީފައިވާ މާކްސްގެ ޖުމްލަ އަކީ 66.3 އެވެ.
މި މާކްސް ޝީޓްތައް ހާމަކުރުމުން މީޑިއާ ކައުންސިލުން މި އެވޯޑު ދިނުމުގައި އެއްވެސް ގޯހެއް ހަދާފައިނުވާކަން ވަނީ ކަށަވަރުވެފަ އެވެ.
މީޑިއާ ކައުންސިލުން ވަނީ ހުރިހާ ދާއިރާތަކަށް މާކްސްދިން ޝީޓްތައް ވެސް މިރޭ ހާމަކޮށްފަ އެވެ.
މިއީ ވަރަށް ދެރަކަމެއް. ދެން ތި އެވޯޑުގެ ފަނޑިޔާރުކަން ކުރާނެ ބަޔަކު ނުވާނެ.