އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ޝާދިޔާ އަހުމަދު އަދި ޑރ. ޝަޒުރާ އިބްރާހީމަށް ދައުވާކޮށްފި އެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގުމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ މިދިޔަ އޮގަސްޓް 28 ވަނަ ދުވަހު އެވެ. ދެ މީހުން ބަންދުން ދޫކޮށްލީ 5 ސެޕްޓެމްބަރުގަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި އާންމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އެ މީހުނަށް އަންނާނެ އެވެ.
ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޝާދިޔާ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ނިމިފައިވަނީ ޝާދިޔާއާ އެއް ކޮޅަށްކަން ފާހަގަކޮށްލެވެ އެވެ.