ރައްޔިތުން ބޭނުން ވެއްޖެނަމަ މަޖިލިސް މެންބަރުން މަގާމުން ވަކިކުރެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނުއަސާސީން ފަހިކޮށްދީފައިވާއިރު ރައްޔިތުން އިންތިހާބުކުރާ މެންބަރުން މަގާމުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ ޒަމާނަށް ފައިހަމަކުރާ އުސޫލެއް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ބޭފުޅަކަށް ވާއިރު، މަޖިލިސް މެންބަރުންނަކީ 5000 މީހުންގެ އާބާދީއަކުން ވޯޓްލައިގެން ހޮވާ ބައެއް. ރައީސުލްޖުމްހޫރިއްޔާ ކަންކުރައްވާ ގޮތަކުން މަގާމުން ވަކިކުރުމުގެ ފުރުސަތު ގާނޫނުއަސާސީން އެބަ ލިބޭ. ނަމަވެސް މިދެންނެވި 5000 މީހުން އިންތިހާބުކުރާ މެންބަރުން ވަކި ކުރެވޭނެގޮތެއް ނެތް. އެއީ މި ޒަމާނާއި ފައިހަމަކުރާ އުސޫލެއްކަމަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ޒަމާނަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ރައްޔިތުން އައްޔަންކުރާ ކޮންމެ މަގާމެއްގައި ހުންނަ މީހަކު، ރައްޔިތުން ބޭނުންވެއްޖެނަމަ ދުރުކުރެވޭނެ ފުރުސަތު ގާނޫނުން އޮންނަންޖެހޭ ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މުޅިން އާ މުހިންމު ގާނޫނުތަކެއް ގެނައުމާއި ޤާނުނުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މުހިންމު މަސައްކަތްތަކެއް 20ވަނަ މަޖިލީހުގެ ދައުރުގައި ކުރައްވާނެ ކަމަށެވެ. އަދި މިހާރު ވެސް އޭގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.