ނިދާ ހޭލާއިރު ގޯސް މޫޑެއްގައި ހުރުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ހޭލުމަށްފަހު އިތުރު 30 މިނެޓު ވަންދެން މީހަކާ އަނގައިން ނުބުނެ ކުނި މޫނު ހަދައިގެން ވެސް އެތައް ބަޔަކު ތިބެ އެވެ.
މިއީ ކީއްވެގެން ވާ ކަމެއް ހެއްޔެވެ؟ ނިދުމަކީ އަހަރުމެންގެ އިހުސާސްތަކަށް އަރާމު ގެނުވައިދޭ ކަމަކަށް ވާއިރު ނިދިން ހޭލާއިރު ގޯސް މޫޑެއްގައި ހުންނަންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟
މި ސުވާލުތަކަށް ސައިންސްވެރިން މިހާރު މިވަނީ ޖަވާބު ދެއްވާފަ އެވެ. ދާދި ފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ނިދާ ހޭލާއިރު މީހާގެ މޫޑު ގޯސްކޮށް ހުންނަ ސަބަބުތައް މިވަނީ ހާމަވެފަ އެވެ.
އެގޮތުން މިކަން މިގޮތަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ހަމަނިދި ރަނގަޅަށް ނުލިބުން ކަމުގައި އެ ދިރާސާގައި ބުނެފައިވެ އެވެ. ނިދަން އޮންނަ މާހައުލުގެ ސަބަބުން ނިދިމަޑު ވާނަމަ ވެސް މޫޑަށް އަސަރުކުރެ އެވެ.
މީގެ އިތުުރުން ނަފްސާނީ އެކި މައްސަލަތަކަކަކީ ވެސް ނިދިން ހޭލާއިރު މޫޑަށް އަސަރު ކުރުވާ ކަމެކެވެ. އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ކަމެއް ހުންނަ ނަމަ ނިދިން ހޭލާއިރު މޫޑު ގޯސްވުން ގާތެވެ.
ހަމައެއާއެކު ދެން އޮތީ ރަނގަޅު ޑައިޓެކެވެ. ކެއުމުގައި ސިއްހަތަށް ފައިދާހުރި ކެއުންތައް ނުހިމަނާނަމަ އަނެއް ދުވަހު ހޭލާއިރު ކުނި މޫނަކާއެކު ހޭލަން ޖެހިދާނެ އެވެ.
އެހެން ކަމުން ނިދިން ހޭލާއިރު މޫޑު ގޯސްވުން ދުރު ކުރުމަށްޓަކައި ދިރިއުޅުމުގައި ރަނގަޅު އާދަތައް އަށަގަންނެވުން ވަރަށް މުހިއްމެވެ.