ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އަޑީގައި އޮވެގެން މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުން މި ބިލް މަޖިލީހަށް ހުށަހެޅީ ތުލާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވަ އެވެ. ހަންނާނަކީ ރައީސް މުއިއްޒުގެ ތާއީދާއެކު އަމިއްލަގޮތުން އިންތިހާބުވި މެމްބަރެކެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ އެ ބިލް ހަންނާނު ލައްވައި ހުށަހަޅަން ސަރުކާރުން ނިންމީ ނޫސްވެރިން ޖޫރިމަނާކުރުމަކީ ހަންނާން އަމިއްލައަށް ނިންމި ނިންމުމެއްކަން ރައްޔިތުންނަށް ދެއްކުމުގެ ގޮތުން ކަމަށެވެ.
"ހަންނާން ލައްވައި މި ބިލް ހުށަހަޅައި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ނޫސްވެރިން ޖޫރިމަނާކުރަން މަޖިލީހަށް ބިލް ހުށަހެޅީ ސަރުކާރުން ނޫނޭ. އެއީ ހަންނާންގެ އަމިއްލަ ނިންމެވުމެކޭ. އެކަމަކު ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓްކޮށްފަ ދިން ބިލެއް ހަންނާން އެ ހުށަހެޅުއްވީ،" އެ މެމްބަރު ވިދާޅުވި އެވެ.
ނޫސްތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ އެ ބިލްގައިވާގޮތުން އެ ގާނޫނުގެ ދަށުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާނަމަ 5000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
އެ ބިލްގައިވާގޮތުން އެ ބިލް ގާނޫނަކަށްވުމާއެކު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި އާ ކޮމިޝަނެއް އުފެދޭނެ އެެވެ.
އެ ކޮމިޝަނު އެކުލެވިގެންވަނީ ސަރުކާރަށް ކޮންޓްރޯލްކުރެވޭގޮތަށެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސް މުއިއްޒު ކަމަށް އެ ބިލްގައިވެ އެވެ. އަދި މީޑިއާތަކުން އިންތިހާބު ކުރަނީ ތިން މެމްބަރުންނެވެ.
ކޮމިޝަނުގެ މެމްބަރުންގެ މުއްދަތަކީ ފަސް އަހަރެވެ. ކޮންމެ މީހަކަށް ވެސް ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ ވިދިވިދިގެން ދެ އަހަރު އެވެ.
ނޫސްތަކުގެ އިތުރުން ޓީވީ ޗެނަލްތައް ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް އެ ބިލްގައި ހިމަނާފައިވެ އެވެ. އެގޮތުން ގާނޫނާއި ގަވައިދު އަދި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ބްރޯޑްކާސްޓަރުން ވޭތުވެދިޔަ އަހަރު އެ ފަރާތަކަށް ލިބުނު އާމްދަނީގެ 10 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލްގައިވެ އެވެ.
އެކި ނޫސްތަކާ ދެކޮޅަށް 80 އަށްވުރެ ގިނަ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.