މާލޭ މަސް މާރުކޭޓު ކައިރީ ފަޅުގައި އަޅާފައި ހުންނަ މަސްދޯނިތަކުން 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދުގައި އަޅާފައި ހުރި ދޯނިތައް ބަލައި ފާސްކޮށް 39 މީހަކު ވަނީ އަތުލައިގެންފަ އެވެ.
އިމިގްރޭޝަނުން މިހާތަނަށް ވަނީ މާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފަ އެވެ. މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓާއި ފޮޓޯފަދަތަކެތި ޑިޖިޓަލް ޕޯޓަލަކަށް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް 10،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.