ސަރުކާރުން ގާނޫނުއަސާސީ އިސްލާހުކުރަން މިއަދު ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށްފަހު އެ އިސްލާހު މިއަދުން މިއަދަށް ފާސްކުރުމަށް މިއަދު ހަވީރަށް މަޖިލިސް ޖަލްސާއެއް އެޖެންޑާކޮށްފި އެވެ.

ގާނޫނުއަސާސީގައި ވާގޮތުން އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ އަދަދު ކަމަށްވާ 70 މެންބަރުން މިވަގުތު ޕީއެންސީގައި އެބަ ތިއްބެވެ.

ސަރުކާރުން މިއަދު ހުށަހަޅާފައިވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމުގެ އިތުރުން ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ބަދަލުކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެއް ބިލެއްގެ ގޮތުގައި ހުށަހެޅި މި އިސްލާހުތައް ބަލައިގަންނަން މަޖިލީހުގައި ނެގި ވޯޓުގައި 69 މެންބަރުން ވަނީ އެ ބިލު ބަލައިގަންނަން ވޯޓުދެއްވައިފަ އެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ 12 މެންބަރުންނެވެ.

ޕާޓީން ނިންމައިފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ޕީއެންސީގެ ހުރިހާ މެންބަރުންވެސް ތާއީދުކޮށް ވާހަކަ ދައްކާފައިވެ އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި މިނިވަން މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން ވަނީ މި ބިލާއި ދެކޮޅަށް ވާހަކަދައްކަވާފަ އެވެ.

ޖަލްސާ އެޖެންޑާކޮށްފައިވަނީ މިއަދު ހަވީރު 5:30 އަށެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާޙިދު ހުށަހެޅުއްވި އިސްލާހުގެ ބިލް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން އެއް ދުވަހުން ގާނޫނު އަސާސީއަށް ބަދަލުގެންނައިރު، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ މައްސަލަ ޕީއެންސީން ދަނީ ގަސްދުގައި ދިގުދަންމަމުންނެވެ. އެގޮތުން އެކަމާއި ގުޅޭ ގޮތުން ހުށަހެޅި ގަރާރުވެސް މިއަދު ވަނީ ބޭރުކޮށްލާފަ އެވެ.