އެކްސްޕެޓު ސިސްޓަމްގެ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓަށް ގެނައި ބަދަލާއެކު، ސިއްހީ ދާއިރާގެ ގިނަ ފަންނީ ކެޓަގަރީތަކެއް ފަންނީ ނޫން ގިންތިއަށް ބަދަލުކުރުމާ ގުޅިގެން ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، މި ބަދަލުގެ ތެރޭގައި މެޑިކަލް ބައެއް ސަބް-ސްޕެޝަލިޓީތަކާއި، ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލް އިމޭޖިން ޓެކްނީޝަނުން ހިމެނެ އެވެ. މި ގިންތި ބަދަލުވުމުގެ ސަބަބުން، ޕްރޮފެޝަނަލް ކެޓަގަރީގެ މުވައްޒަފުންނަށް ލިބެމުންދިޔަ ޑިޕެންޑެންޓް ވިސާގެ ލުއިތަކާއި ރެމިޓެންސްގެ މަތީ ލިމިޓްތައް ފަދަ މުހިންމު އިނާޔަތްތައް ވަނީ އުނިވެފަ އެވެ.

ހެލްތު ޔޫނިއަނުން ބުނި ގޮތުގައި މި ދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަކީ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެ، ދަރިންނަށް ތައުލީމު ހޯދައިދެމުންދާ ބައެކެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު ޑިޕެންޑެންޓް ވިސާ އާ ނުކުރެވޭތީ އާއިލާތައް ވަކިވެ، އަނބިދަރިން ގައުމަށް ފޮނުވާލަން މަޖުބޫރުވުމުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށާއި ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިއީ ބިދޭސީންނަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް ލޮޅުން އަރައި، މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށާއި މެދުކެނޑުމެއްނެތި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ އިންޒާރުދީފަ އެވެ.

އެހެންކަމުން ސިއްހީ ދާއިރާގެ ފަންނުވެރިންގެ ތައުލީމީ ފެންވަރާއި، ހުނަރާއި މަސްއޫލިއްޔަތުތަކަށް ބަލައި އަގުވަޒަންކުރުމުގެ ގޮތުން، އެ ލިސްޓު އަލުން މުރާޖައާކުރުމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދައި، ސިއްހީ ފަންނުވެރިންނަށް ބޭއިންސާފުން އަސަރު ނުކުރާނެކަން ކަށަވަރުކޮށްދިނުމަށް ހެލްތު މިނިސްޓްރީއަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.