މިމަހުގެ ކުރީކޮޅު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަށް މަރުގެ އިންޒާރެއް ލިބުމާއެކު އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން ހާއްސަ ތަހުގީގެއް ފެށި އެވެ.

އެ ތަހުގީގުގެ ތެރެއިން އެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރެވިފައިވާއިރު އޭގެ އިތުރުން ވެސް ބައެއް މައުލޫމާތު ވަނީ ހޯދިފަ އެވެ.

އެގޮތުން ޝާހްރުކް ޚާންއަށް މަރުގެ އިންޒާރު ދިން ކަމަށް ބެލެވޭ މީހާ ވަނީ ޝާހްރުކް ޚާންއާއި އޭނާގެ ދަރިފުޅު އާރްޔަން ޚާންގެ ހަރަކާތްތައް ވަރަށް ގާތުން ބަލައި ފާރަލާފައި ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ވެސް އެ މީހާ ޝާހްރުކް ޚާންގެ އާއިލާގެ ސަލާމަތީ ކަންކަމުގެ ސިއްރު މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައިވާ ކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ތަފްސީލުތައް އެނގިފައިވަނީ ތުހުމަތު ކުރެވޭ މީހާ ގެންގުޅުނު އިތުރު ފޯނެއްގެ ފޮރިންސިކް އެނަލިސިސް ހަަދައިގެންނެވެ.

މި ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ވަކި އަދަދެއްގެ ފައިސާ ނުދީފިނިމަ ޝާހްރުކް ޚާންއާއި އޭނާގެ އާއިލާއަށް ގެއްލުންދޭޭނެ ކަމަށް ބުނެ ފުލުހުންނަށް ފޯނެއް ލިބުނެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ރައިޕޫރްއަށް ނިސްބަތްވާ ގާނޫނީ ވަކީލެއް ކަމަށްވާ ފައިޒަން ޚާން ކަމަށް ހަބަރުތައް ބުނެ އެވެ.