ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ސަލްމާން ޚާންއަކީ އެ ދާއިރާގައި އެންމެ ނަން މަޝްހޫރު ތިން "ޚާން"ގެ ތެރެއިން އެކަކެވެ. ސަލްމާންގެ ގިނަ ފިލްމުތަކެއް މަގުބޫލުވި ނަމަވެސް ސަލްމާން ނުކުޅެ ދޫކޮށްލި ބައެއް ފިލްމުތަކަކީ ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލުމުތަކެވެ.

ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ

މިގޮތަށް ސަލްމާނަށް ކުޅެން ލިބުނު އެއް ފިލްމަކީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ)" އެވެ. ސަލްމާން މިފިލުމު ދޫކޮށްލުމުން މިފިލުމުގެ ލީޑް ރޯލު ލިބިގެން ދިޔައީ ޝާހްރުކް ޚާން އަށެވެ. މިފިލްމަކީ އަދިވެސް ބޮލީވުޑްގައި އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ހިންދީ ސިނަމާގައި ރިލީޒްކުރި ފަހުން އެންމެ ދިގު މުއްދަތަކަށް ހުއްޓުމެއް ނެތި ދައްކާ އައިކޮނިކް ފިލްމަކީ "ޑީޑީއެލްޖޭ" އެވެ

ޗަކްދޭ އިންޑިއާ

2007 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޗަކް ދޭ އިންޑިއާ" ސަލްމާން ދޫކޮށްލީ އެފިލްމުގެ ކްލައިމެކްސްއާ މެދުގައި ހިތްހަމަނުޖެހިގެންނެވެ. މިފިލްމުވެސް ލިބިގެން ދިޔައީ އެންމެ ފަހު ޝާހްރުކް އަށެވެ. މިފިލްމަކީވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމެކެވެ. މިފިލްމު ދޫކޮށްލުމުން ސަލްމާން އަދިވެސް ހިތާމަ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާޒީގަރް

1993 ވަނަ އަހަރުގެ ކާމިޔާބު ފިލުމު ''ބާޒީގަރު'' ފިލުމު ކުޅުމުގެ ފުރުސަތު ފުރަތަމަ ލިބުނީ ސަލްމާން ޚާނަށެވެ. އެހެން ނަމަވެސް ސަލްމާން ވަނީ މިފިލްމުވެސް ދޫކޮށްލާފަ އެވެ. ކާޖޮލް އާއި ޝިލްޕާ ޝެޓީ އާއެކު ޝާހު ފެނުނު "ބާޒީގަރު" އަކީ އޭނާގެ މަގުބޫލުކަން އިތުރުވެގެންދިޔަ ފިލްމެކެވެ.

ކަލް ހޯ ނާ ހޯ

"ކަލް ހޯ ނާ ހޯ" އަކީވެސް ސަލްމާން ދޫކޮށްލި ފިލްމުތަކުގެ ތެރެއިން ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ. މިފިލްމުގައި ސައިފު ފެނިގެންދިޔަ ބައި ފުރަތަމަ ހުށަހެޅީ ސަލްމާނަށެވެ. އެހެން ނަމަވެސް އެ ރޯލު ކުޅެން ސަލްމާން ދެކޮޅު ހެދުމުން އެފުރުސަތު ލިބުނީ ސައިފު އަށެވެ.