ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާތީ، އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ބޮޑުކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.85ރ. އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 9.79ރ. އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 8.44 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކީ 9.19ރ. އަށެވެ.
އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެސްޓީއޯ އިން ބުނީ މީގެ ހަތަރުމަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރާ އަޅާބަލާއިރު ތެޔޮ ފީފާއެއްގެ އަގު މިހާރު ދެގުނަ ބޮޑުވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު ކުރީކޮޅު ދުނިޔޭގައި ހަލުއިކަމާއެކު ކޮވިޑް ފެތުރެން ފެށުމާއެކު ދަތުރުފަތުރުކުރުން މަދުވުމުން ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ނަމަވެސް ކޮވިޑް ވެކްސިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދޭން ފެށުމާއެކު އަލުން ދަތުރުފަތުރުކުރުން މަޑުމަޑުން އިތުރުވާން ފެށުމާއި އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމުން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މިހާރު ވަނީ އުފުލެން ފަށައިފަ އެވެ.