ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ މައްޗަށް ކުރެވިފައިވާ މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ޝިލްޕާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ.

ޝިލްޕާގެ ވަކީލު ޕްރަޝާންތު ޕަޓިލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާޖްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ޝިލްޕާއާ ގުޅުވައި އަޑުތައް ފަތުރެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް އަޑުތަކެއް ކަމަށެވެ.

ޕްރަޝާންތު އިތުރަށް ބުނީ ރާޖްއާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ދާ ކަމަށާއި އެ ތަހުގީގަށް އޭނާ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އެއާއެކު އެ މައްސަލާގައި ޝިލްޕާގެ ނަން ހިމަނާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕްރަޝާންތުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަނީ ލޯންޑްރިންގެ މައްސަލައާ ޝިލްޕާއާ ގުޅުވައި މީޑިއާގައި އަޑު ފެތުރެން ފެށީ އެ ތަހުގީގުގެ ތެރެއިން އިންޑިއާގެ އެންފޯސްމަންޓް ޑިޕާޓްމަންޓުން ރާޖްގެ ގެ ބަލާ ފާސް ކުރުމުންނެވެ.

އެ އަޑުތައް ފެތުރެން ފެށުމާއެކު ރާޖް ވެސް ވަނީ އޭނާގެ އަންހެނުންނާ ނުބެހޭ ކަންތައްތަކެއްގެ ތެރެއަށް އޭނާ ނުވެއްދުމަށް އާއްމުންނާއި މީޑިއާގެ ކިބައިން އެދިފަ އެވެ.