ވަން ޑިރެކްޝަންގެ ކުރީގެ ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ ސޯލޯ ކޮންސެޓުގެ ތެރެއިން އޭނާގެ ކުރީގެ ބޭންޑް - މޭޓް ލިއަމް ޕޭންއަށް ހާއްސަ މެސެޖެއް ދީފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު މަރުވި ލިއަމްގެ އުފަން ސިޓީ ކަމަށްވާ އިނގިރޭސި ވިލާތުގެ ވުލްވަހޭމްޕްޓަންގައި ޒޭން ބޭއްވި ކޮންސެޓުގައި އޭނާ ވަނީ ލިއަމްއަށް ހާއްސަކޮށް ލަވައެއް ވެސް ހުށައަޅައިދީފަ އެވެ.

"އަހަރެންގެ ރަހުމަތްތެރިޔާއަށްޓަކައި އަހަރެންގެ ޝޯތަކުގައި ހާއްސަ ކަމެއް ކުރަން. ހީކުރަން ލިއަމްއަށް އެކަން އެނގޭނެ ކަމަށް" ކޮންސެޓުގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއްގައި ޒޭން ބުނާ އަޑު އިވެ އެވެ.

ޒޭން ވަނީ މީގެ ކުރިން އިނގިރޭސި ވިލާތުގެ ލީޑްސްގައި ބޭއްވި ކޮންސެޓުގައި ވެސް ލިއަމްއަށް ހާއްސަ ޓްރިބިއުޓެއް ދީފަ އެވެ. އެ ކޮންސެޓުގެ ސްކްރީނަށް ލިއަމްގެ ނަން 2024-1993 އާއެކު އަރުވާފައިވެ އެވެ.

ޒޭންއާއި ލިއަމްއަކީ ކުރީގެ މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގައި ހަރަކާތްތެރިވި ދެ ލީޑް ލަވަކިޔުންތެރިންނެވެ. އެ ބޭންޑް އުވުމަށްފަހު ވެސް އެ ދެމީހުންގެ ގުޅުން ދެމިއޮތެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ލިއަމް މަރުވެފައިވަނީ އާޖެންޓީނާގައި އޭނާ މަޑުކޮށްގެން ހުރި ހޮޓަލުގެ ބެލްކަނިން ވެއްޓިގެންނެވެ.