ވަރަށް ގިނައިން އަޑުއިވޭ ޝަކުވާއެކެވެ. އުޅެ އުޅެ ވެސް ނުހިކުނެވެ. ނުކުރާ ކަމެއް ނެތެވެ. ބަނޑަށް ހުރެފީމެވެ. ދެއިރު ދެދަޅައަށް ކަސްރަތު ވެސް ކުރީމެވެ. އެކަމަކު ވެސް ނުހިކުނެވެ. ކީއްވެ ހެއްޔެވެ؟

މިއީ ވެސް ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ބަރުދަން ލުއިކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ކާމިޔާބުނުވުމަކީ ހިތްވަރު އެލޭ ކަމެކެވެ. ނަމަވެސް ހަގީގަތަކީ ބަރުދަން ލުއިވުމަށް ހުރަސް އެޅެނީ ކުރާ މަސައްކަތްތަކުގައި ހެދޭ ގޯސްތަކެއުގެ ސަބަބުން ކަމެވެ. މި ލިޔުމުގައި މި ބަލާލަނީ ބަރުދަން ލުއިވުމަށް ހުރަސް އަޅާ ސަބަބުތަކާއި އޭގެ ހައްލު ތަކަށެވެ.

ކެއިން ބުއިމުގެ ހަމަތައް

ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ކެއިންބުއިމަށް ބަދަލު ގެނައުމަކީ އެންމެން ވެސް ކުރާ ކަމެކެވެ. ކެއުމުގައި ނުހިމަނަންވީ ބައިތައް ފާހަގަކޮށް އެ ބާވަތްތަކާ ދުރުވެ އެވެ. މިކަމުގެ ތެރޭގައި ހަނދާން ނެތެނީ ކެއުމުގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ ބާވަތްތަކެވެ. ހަމައެކަނި ސިއްހަތަށް ގެއްލުން ހުރި ކެއުންތައް ދޫކޮށްލުމުން ފުދުނީއެއް ނޫނެވެ. ސިއްހަތަށް ފައިދާހުރި ކެއުންތައް ބޭނުން ކުރަން ވެސް ޖެހެ އެެވެ.

ބަނޑަށް ހުރުމަކީ ހައްލެއް ނޫން

ބަރުދަން ލުއި ކުރުމުގެ ނަމުގައި ބަނޑަށް ހުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. ދަންނަން ޖެހޭ ކަމަކީ ގަޑިން ގަޑިއަށް ނުކައި ދޫކޮށްލުމަކީ ބަނޑުހައިވުން އިތުރުވެ، ކާ ފަހަރަކު މާ ގިނައިން ކެއުމަށް މަގުފަހިވާ ކަމެކެވެ. އެއްފަހަރާ މާ ގިނައިން ކެއުމަކީ ބަރުދަން ލުއިކުރަން އުނދަގޫ ކޮށްދޭ ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ބޮޑު އަސަރެއް

ބަރުދަން ލުއި ކުރަން މަސައްކަތް ކުރާއިރު ރަނގަޅު ނަފްސާނީ ސިއްހަތެއްގައި ހުރުމަކީ ހިތްވަރު އިތުރު ކޮށްދޭ ކަމެއްގެ އިތުރުން ހަށިގަނޑުގެ މަސައްކަތްތަކަށް ވެސް އެހީވެދޭ ކަމެކެވެ. ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ސްޓްރެސް އާއި އެންޒައިޓީއަށް ރައްކާތެރިވެ ތިބުން ވަރަށް މުހިއްމެވެ. ސްޓްރެސްގެ ސަބަބުން ގިނައިން ކާހިތްވެ "ސްޓްރެސް އީޓިން" އަށް މަގުފަހިވާނެތީ އެވެ.

ހަރަކާތްތެރިވެ އުޅުން މުހިއްމު

ހަމައެކަނި ޑައިޓު ކޮށްގެން އެންމެ އެދެވޭ ގޮތުގައި ބަރުދަން ލުއިވުމަކީ ވަރަށް ނާދިރު ކަމެކެވެ. ކެއިންބުއިމަށް ގެންނަ ބަދަލުތަކާ އެއްވަރަށް ހެލިފެލިވެ އުޅުމަކީ ވެސް ބަރުދަން ލުއި ކުރުމަށް ބާރުއަޅާ ކަމެކެވެ. އެހެންކަމުން ގަވާއިދުން ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ ބަރުދަން ލުއިކުރުމުގެ އަމާޒަށް އަވަހަށް ވާސިލް ވެވޭނެ ކަމެއްކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށް ދިއުން މުހިއްމެވެ.