ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަލަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުން ތައްޔާރުކުރި މައްސަލާގައި މިހާތަނަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ތުހުމަތު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތު ނުކުރާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސުވާލުކުރަންޖެހޭ ކަމަށް ފާހަގަވާ މީހުންނާ ސުވާލުކޮށް ތަހުގީގު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން މިހެން ބުނިއިރު، ބިންވެރިޔާ ސްކީމްގެ ނަމުގައި ގޯތީގެ ރަޖިސްޓްރީއެއް ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ދޫކޮށްފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ދެބެއިން މަގާމުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ރޭ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބޮޑަށް މަސައްކަތްކުރީ މި ސަރުކާރު ދިފާއުކޮށް، ގޯތީގެ ވަގު ރަޖިސްޓްރީ ދޫކުރީ ކުރީގެ ސަރުކާރުން ކަމަށް ދެއްކުމަށެވެ. އަދި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޝަރީފުގެ ވާހަކަ ބޮޑަށް ބިނާކުރީ ވެސް އެގޮތަށެވެ.

"ފަޒުލްއަކަށް އަޅުގަނޑުމެން އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން. އެހެން ނަމަވެސް ތަހުގީގު ދާ ވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ކަމަށްވާނަމަ އެ ފަރާތަކާ ސުވާލުކޮށް ތުހުމަތު އިއްވާނަން," ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން މަސައްކަތް ނުކުރާ ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށްދާ ވަރަކުން ޕާސްޕޯޓް ހިފަހައްޓަންޖެހޭ މީހެއްވާނަމަ އެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވާއިރު، ގޯތި ހަވާލުކުރަން އޭނާ އެޗްޑީސީގައި އެދިފައިވެ އެވެ. އަދި އެޗްޑީސީގެ ހުއްދައާ އެކު އޭނާ ވަނީ "ވަގު ގޯތީގައި" ވަށާފާރު ރާނާފަ އެވެ.