މައިންބަފައިން ކުރާ މަސައްކަތް ދަރިންނަށް ދަސްކޮށް ދިނުމަކީ އެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއްގެ ބިންގާ އަޅައިދިނުމަށް ކުރެވޭ މުހިންމު ކަމެކެވެ. މި ހުނަރުވެރިޔާ މިވަނީ އޭނާ ޝައުގު ވެރިކަން ހުރި ދާއިރާއަށް އެނާގެ ދަރިފުޅު ވެސް ވަރަށް ޅަފަތުގައި ނެރެ، އާއިލީ ވިޔަފާރީގައި ބައިވެރިކޮށް ވަރަށް ޅަސިކުނޑިއެއް ތަރައްގީ ކޮށްދީފަ އެވެ.
މީހުން ރީތި ކުރުމަކީ ނުޒުލާ އިބްރާހިމް ރަޝީދު (ނުޒޫ) ސްކޫލް ދައުރުން ފެށިގެން ވެސް އެންމެ ކުރާ ހިތްވާ މަސައްކަތެވެ. ފެހުމާއި ކެއްކުމާއި ކޭކު އެޅުމަށް ނުޒޫ މޮޅު ނަމަވެސް، އޭނާއަށް އެންމެ ހާއްސަކަމެއް ދެވިފައި ވަނީ މީހުން ރީތި ކުރުމަށާއި މޭކަޕް ކޮށްދިނުމަށެވެ.
ސްކޫލް ނިމުމަށް ފަހު ވެސް މީހުންނަށް މޭކަޕް ކޮށްދިނުމާއިއެކު އެދާއިރާއިން ކުރިއަށް ދިއުމަށް އޭނާ އެކަމާބެހޭ ކުރު ކޯސްތައް ވެސް ހެދީ އެއީ އެނާ އިތުރަށް ކުރިއަށްދާން ބޭނުންވި ދައިރާ ކަމަށްވާތީ އެ މަގުސަދުގަ އެވެ. އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ މޭކަޕް އެކަޑެމީ އިން ފުރިހަމަކުރި ކޯސް ހިމެނެ އެވެ.
"ފަހުން ބޭނުންވީ ޕްރޮފެޝަނަލީ އެ މަސައްކަތް ކުރަން. އޭރު އަޅުގަނޑުގެ ދަރިފުޅު އައިޝަތު ޖަނާން އަހުމަދު (ޖަނާ) ކިޔަވަމުން އައީ ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަނެޝަނަލް ސްކޫލްގެ ގްރޭޑް 8 ގައި. އޭނާ ވެސް މޭކަޕް ކުރުމަށް ޝައުގުވެރި ވާތީ، އޭނާ ސްކޫލުން ކަނޑާލައިގެން އޭނާއާއެކީ ދެން ތިބި ދެ ކުދިން ވެސް ގޮވައިގެން ތިން މައިން ބެންކޮކަށް ފުރީ. އެގައުމަށް ގޮސް 'އެސްއެމްއޭ އިންޓަނެޝަނަލް މޭކަޕް އެކަޑެމީ' ގައި ހިންގާ 'މާސްޓާސް އިން ޕްރޮފެޝަނަލް މޭކަޕް އާޓިސްޓްރީ' ކޯހުގައި އަޅުގަނޑާއި އެކީ އެއްކުލާހެއްގަ ޖަނާ ވެސް ބައިވެރިކުރީ،" ނުޒޫ ކިޔައިދިނެވެ.
ނުޒޫގެ ދަރިފުޅު ޖަނާގެ އުމުރުން ކިތަންމެ ހަނގު ނަމަވެސް ނުޒޫގެ ދެމަފިރިން ނިންމީ ދަރިފުޅުގެ މުސަތަގްބަލަށްޓަކައި އިންޓަނެޝަނަލް މޭކަޕް ކޯހެއްގައި ބައިވެރި ކުރުމަކީ، ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. ކޯހުގައި އުޅުނުއިރު 13 އަހަރުގެ ޖަނާއަކީ އެ ބެޗްގެ އެންމެ ހަނގު ދަރިވަރެވެ. އެހެން ނަމަވެސް އޭނާގެ މަސައްކަތް ރަގަނޅުވުމުން ކިޔަވައިދެއްވާ އިންސްޓްރަކްޓަރުން އޭނާގެ މަސައްކަތަށް ތައުރީފް ކުރެ އެވެ. ޖަނާ އޭނާގެ މަންމަ އާއެކު މޭކްޕް ކޯސް ފުރިހަމަ ކޮށްފައި ރާއްޖެ އައިސް އަލުން ސްކޫލްއާ ގުޅުނީ ޖެހިގެން އައި އަހަރެވެ.
"މޭކަޕް ކުރުމުގެ އިތުރުން ޖަނާ ވަރަށް ކުރަހާނެ. އެމްއެމްއޭގެ ކުރެހުމުގެ މުބާރާތަކުން ވެސް އަދި މީރާގެ ފަރާތުން އިންތިޒާމްކުރި "މީރާއެންޑް މީ" ކުރެހުމުގެ މުބާރާތަކުން ވެސް 1ވަނަ ހޯދި. އޭގެ އިތުރުން ލާލޭ އިންޓަނޭޝަނަލް ސްކޫލްގައި އުޅުނު ދުވަސްވަރު އޭނާ އާޓް ކްލާހަށް ކެންވަސް ގެންގޮސްގެން ޕެއިންޓްކުރަން އުޅުމުގެ ތެރޭގައި ކެންވަސް ޕެއިންޓިންއަށް ޝައުގުވެރިކަން އުފެދުނީ. ޔޫޓިއުބް ބަލައިގެން އަމިއްލައަށް ވެސް ކުރެހުމާ ބެހޭ ގިނަ ކަންކަން ދަސްކުރި. އޭލެވެލް ނިންމާފައި އާޓް ސްޓޫޑިއޯއެއްގައި ވެސް ހަމަސް ވަންދެން އަމަލީ ތަޖުރިބާ ހޯދި،" ޖަނާގެ ކުރެހުމާ ބެހޭ ބައެއް ވަހާކަ ނުޒޫ ހިއްސާކޮށްލަމުން ބުންޏެވެ.
ނުޒޫ ބުނިގޮތުގައި ޖަނާ އެންމެ ފުރަތަމަ ސްޓޫޑިއޯގައި މަސައްކަތް ކުރިއިރު، ރިޒޯޓްތަކަށް ބައެއް ސްވެނިއާ ހަދައިދީފައިވެ އެވެ. އަދި އެތަނުގައި ކުޑަކުދިންނަށް ހިންގި ކުލާސްތަކުގައި ކިޔަވައިދީ އަމަލީ ތަޖުރިބާ ލިބުނެވެ. ޖަނާ ކުރެހުމުގެ ބަދަލުގައި ކުދިންނަށް ކުރަހަން ދަސްކޮށްދޭން ބޭނުންވާ ސަބަބަކީ ކުރަހައިގެން އޭނާގެ ކުރެހުން ވިއްކަން އުޅުމުގެ ބުރަ މަސައްކަތަށް ވުރެ، ކުދިންނަށް ކުރަހަން ދަސްކޮށްދީގެން އޭނާގެ ހުނަރު ކުރިއެރުވުމުން ހިތްހަމަޖެހުން ލިބޭތީ އެވެ.
ކުލަ ސްޓޫޑިއޯ ވުޖޫދުވުން
ބެންކޮކްގައި ފުރިހަމަ ކުރި މޭކަޕް ކުރުމުގެ ހާއްސަ ކޯހަށް ފަހު، ދެން ނުޒޫ ބޭނުންވީ ރާއްޖޭގައި ވެސް އެފެންވަރުގެ ހިދުމަތެއް ދިނުމަށެވެ. އެކަމަށްޓަކައި "ކުލަ ސްޓޫޑިއޯ"ގެ ނަމުގައި މޭކަޕް ކުރަން ދަސްކޮށްދޭ ތަނެއް އަމިއްލަ ގޭގައި ހުޅުވި އެވެ.
"އަޅުގަނޑުގެ ފިރިމީހާ ސްޓޫޑިއޯގެ ހުރިހާ ކަމެއް ވެސް ކޮށްދިނީ. ފުރަތަމަ ސްޓޫޑިއޯ ހަދާފައި ނުފެށިގެން އުޅެނިކޮށް ކޮވިޑް އައިސްގެން ހުއްޓާލީ. ދެން އަނެއްކަ ވެސް ހަމަ އެ ސްޓޫޑިއޯ ރެނޮވޭޓް ކޮށްލީ. މި މަމަސައްކަތުގައި މިއުޅެނީ އަޅުގަނޑާއި ފިރިމީހާ އަދި ޖަނާ،" ނުޒޫ ބުންޏެވެ.
މީގެ ހަތް އަހަރު ކުރިން 2018 ގައި ބެންކޮކްގެ މޭކަޕް ކޯސް ފުރިހަމަ ކުރި ނަމަވެސް ކޮވިޑްގެ ސަބަބުން އެ މަސައްކަތް ހުރީ ނުފެށި އެވެ. އޭގެ އަހަރުތަކަކަށް ފަހު، ހަމަ އެސްޓޫޑިއޯ ކުޑަ މަރާމާތަކަށް ފަހު، އެކަމަށް ބޭނުންވާ ހާއްސަ ތަކެތި ގެނެސްގެން ނުޒޫ މިވަނީ އޭނާގެ ސްޓޫޑިއޯގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ފަށައިފަ އެވެ. އެތަނުގެ އިންޓީރިއާ ހަދާފައި ވަނީ ކްލަޔަންޓުންނަށް ފަސޭހަވާނޭ ހުރިހާ ގޮތަކަށް ބަލާފަ އެވެ.
ނުޒޫގެ މޭކަޕް ކުލާސް: ކޮލިޓީއަށް އިސްކަންދޭ
މަސައްކަތުގައި ކޮލިޓީ ހިފެހެއްޓުމަށް ނުޒޫ އިސްކަންދެ އެވެ. އޭނާގެ މޭކަޕް ކުލާހެއްގައި ބައިވެރިކުރަނީ 10 ކުދިންނެވެ. މަސައްކަތް ކުރުމަށް ދެ ކުދިން "ޕެއާ" ކުރެ އެވެ. ކޯހުގައި ބޭނުންކުރާ ތަކެއްޗަކީ ކޮލިޓީ ތަކެތި ކަމަށް ހެދުމަށް ވަރަށް ބޮޑަށް ވިސްނަ އެވެ.
"ބެންކޮކް ކޯހުގައި ކިޔައިދީފަ ހުންނަގޮތާ އެއްގޮތަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެން. މިސާލަކަށް އައިޝެޑޯ ދަސްކޮށްދޭ އިރު، އެހެން މޭކަޕް ކުލާސްތަކާއި ހިލާފަށް އަޅުގަނޑު ބޭނުންކުރަނީ، ކަރުދާހުގެ ބަދަލުގައި ސިލިކަން މޯލްޑް. މޭކްޕަ ކުރަން ބޭނުންކުރަނީ ހައި ޗެއާ (އުސްގޮނޑި). އެއީ މޭކަޕް ކޮށްދޭއިރު 'އައިލެވަލް'ގައި ހުރުން ވަރަށް މުހިންމު ވާތީ. މިސާލަކަށް ގުދަށް އޮވެ މޭކަޕް ކުރާނަމަ، އުނަގަނޑުގެ މައްސަލަތައް ޖެހޭނެތީ،" ނުޒޫ އިތުރަށް އޮޅުންފިލުވައިދިނެވެ.
މި މަސައްކަތުގައި ހުރި ގޮންޖެހުމަކީ ކޮލިޓީ އެއްޗެހި ހޯދަން އުނދަގޫވުންކަން ނުޒޫ ފާހަގަކުރި އެވެ. މޭކަޕް ކުރުން އަގުބޮޑުވާ ސަބަބަކީ ވެސް ކޮލިޓީ ތަކެތި އަގުބޮޑުކޮށް ލިބުންކަމުގައި އޭނާ ބުންޏެވެ.
އޭނާގެ ކުލާހުގެ ބައިވެރިން ގާތުގައި ވެސް އަމިއްލަ މީހާއަށް ބޭނުން ނުކުރާނެ އެއްޗެއް އެހެން މީހެއްގެ ގައިގާ ނުހޭކުމަށް އަބަދު ވެސް ނަސޭހަތްތެރިވަނީ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމުގެ ބޭނުމުގަ އެވެ.
ނުޒޫގެ ސްޓޫޑިއޯގައި އޭނާގެ އިތުރުން ދަރިފުޅު ޖަނާގެ އެކްރެލިކް ޕެއިންޓް ދަސްކޮށްދޭ ކުލާސްތަކެއް ކުރިއަށް ގެންދެ އެވެ. ޖަނާގެ ކުލާސްތައް އާންމުކޮށް ކުރިއަށް ގެންދަނީ އޭނާ ޗުއްޓީގައި ރާއްޖޭގައި ހުންނަ ދުވަސްވަރެވެ.
"އަޅުގަނޑު މިހާރު މިދަނީ އިނގިރޭސިވިލާތުގައި ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލާޝިޕެއްގައި އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން. މަންމަގެ ސްޓޫޑިއޯގައި އެކްރެލިކް ޕެއިންޓިން ކުލާސްތައް ނަގަމުން މިދަނީ މާލޭގައި ޗުއްޓީ ހޭދަކުރަމުންދާ ދުވަސްތަކުގައި. އަޅުގަނޑު ކްރިއޭޓިވް މޭކްއަޕް ކުރުމަށް ވަރަށް ޝައުގު ވެރިވޭ. މިހާރުގެ ޕްލޭނަކީ އަޅުގަނޑު ކިޔަވާ ނިންމާފައި އައިސް، ކްރިއޭޓިވް ނުވަތަ ފެންޓަސީ މޭކަޕް ކުލާހެއް ވެސް ކުރިއަށް ގެންދިއުމަށް. އެ ކުލާހުގައި ބައިވެރި ވެވޭނީ މޭކަޕްގެ ބޭސިކް ކޯސް ހަދާފައިވާ ފަރާތްތަކަށް،" ޖަނާ އޭނާގެ މަންމަގެ ވާހަކައަށް އިތުރު ބޮޅެއް އިތުރު ކޮށްލަމުން ބުންޏެވެ.
ނުޒޫގެ ކްލާހުގައި އަދި ދަސްކޮށް ދެވެނީ އާދައިގެ މޭކްއަޕް ކުރާށެވެ. ގިނަ ބައިވެރިންގެ ޝައުގުވެރިކަން ހުރީ ލޮލުގެ މޭކަޕް ކުރަން ކަމުގައި ވާތީ، ލޮލަށް ފޯކަސްކޮށް 6 ވައްތަރުގެ ލޮލުގެ މޭކަޕް މިވަގުތު އޭނާ ކިޔަވައިދެ އެވެ. އަދި މުސްތަގުބަލުގައި ފެންޓަސީ ނުވަތަ ކްރިއޭޓިވް މޭކަޕް ވެސް ދަސްކޮށްދިނުމަށް ދަނީ ވިސްނަމުންނެވެ.
ރާއްޖޭގެ މޭކަޕް ކުރުމުގެ އެއްވެސް އިވެންޓެއްގައި މިހާތަނަށް ނުޒޫ އަދި ޖަނާ ބައިވެރިވެފައި ނުވި ނަމަވެސް، ޖަނާގެ އުންމީދަކީ ފެޝަން ޑިޒައިނަރުންނާ އެކީ ގުޅިގެން ކޮންމެވެސް ދުވަހަކުން ކްރިއޭޓިވް ޑިޒައިންތަކާއި އެއްކޮށް ކްރިއޭޓިވް މޭކްއަޕް ދައްކާލުމެވެ. އަދި ރިސޯޓެއްގައި ކުލަ ސްޓޫޑިއޯއެއް ހަދައި، ކުރެހުމާއި ސްވެނިއާ ހެދުމުގެ މަސައްކަތް ކުރުމަކީ ވެސް އޭނާގެ ހުވަފެނެކެވެ.
"މިއީ ރަނގަޅު އާމްދަނީއެއް ހޯދުމަށް ވެސް ވަރަށް ރަނގަޅު މަސައްކަތެއް. މިމަސައްކަތް ދަސްކޮށް މި ދާއިރާއަށް ނުކުންނަން ބޭނުންވާ ކުއްޖަކަށް ބުނެލަން އޮތީ ޕްރެކްޓިސް، ޕްރެކްޓިސް، ޕްރެކްޓިސްއޭ ހަމަ. ކުރިއަށްދާން ފަސޭހަވާނީ ޕްރެކްޓިސް ކުރިވަރަކަށޭ ނޫނީ ވިއްޔާ ހަނދާންނެތޭނެ،" ނުޒޫ ބުންޏެވެ.
ނުޒޫ ދެކޭ ގޮތުގައި މިއީ ވަރަށް ހިތްހަމަޖެހޭ މަސައްކަތެކެވެ. ހާއްސަކޮށް މީހުންގެ ފަރާތުން ލިބޭ "ޕޮސިޓިވް" ބަސްތަކުން އޭނާއަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބެ އެވެ.