ބިންވެރިޔާ ސްކީމްގެ ދަށުން ވަގު ގޯތި ނުލިބޭ ބަޔަކަށް ވަގު ލިޔުން ތައްޔާރުކޮށް ވިއްކި މައްސަލައިގެ ތުހުމަތުގައި ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިގޮތަށް ނިންމާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އާ މަޝްވަރާކުރުމަށްފަހު ޕީޖީގެ ގެ ލަފާގެމަތިން ކަމަށެވެ.

މައްސަލައާ ގުޅިގެން ޕާސްޕޯޓު ދޫކޮށްލި ނުވަ މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ވަގު ގޯތި މައްސަލަ ފަޅާއަރާފައިވަނީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވާއިރު، ގޯއްޗެއް ލިބުނުކަމަށް ނިންމާ ވަށާފާރު ރޭނި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.

ފުލުހުން އެންމެ ފަހުން ބުނީ ގޯތި ވައްކަމާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ޖިނާއީ އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.

މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.