އަހަރުގެ އެންމެ ބޮޑު ފެޝަން އިވެންޓް "މެޓް ގާލާ"އިން މުޅި ކާޑޭޝަން އާއިލާ ބޭރުކުރަން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރިއާނާގެ ލޯބިވެރިޔާ ރޮކީ މެޓް ގާލާގެ ޕްލޭނިން ކޮމެޓީގައި ހިމެނޭތީ ނުފޫޒު ބޭނުންކޮށްގެން ކާޑޭޝަން އާއިލާގެ މެމްބަރުންނަށް 2025 ވަނަ އަހަރުގެ މެޓް ގާލާއަށް ނުވަދެވޭ ގޮތް ހަދަން ރިއާނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިއާނާއާއި ކާޑޭޝަން އާއިލާގެ މެދުގައި "ފިނި ހަނގުރާމައެއް" ފެށެން މެދުވެރިވީ އެ އާއިލާއާއި ކްރިސް ބްރައުން އަދި ކާންޔޭ ވެސްޓްގެ މެދުގައި އޮތް ގުޅުމުގެ ސަބަބުންނެވެ.
ކިމް ކާޑޭޝަންއާއި ކާންޔޭ ވެސްޓްއަކީ ކައިވެނި ކޮށްގެން އުޅުނު ދެމަފިރިންނަށްވާއިރު ކެންޑަލް ޖެނާގެ އެންމެ ފާހަގަކޮށްލެވޭ ލޯބިވެރިޔަކީ ކްރިސް ބްރައުން އެވެ.
މި ދެ ފިރިހެނުންނަކީ ވެސް ރިއާނާގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ފިރިހެނުންކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
އެހެން ކަމުން ނުފޫޒު ބޭނުންކޮށްގެން ކާޑޭޝަން އާއިލާ މެޓް ގާލާއިން ބޭރުކުރަން ރިއާނާ މަސައްކަތް ކުރަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެވެ އެވެ.
މި އަހަރުގެ މެޓް ގާލާއިން ވެސް ތަފާތު ކަންތައްތަކެއް ފެންނާނެ ކަމަށް ލަފާ ކުރެވޭއިރު އެ ހަފްލާގެ ޑްރެސް ކޯޑު އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.