ޑިސެމްބަރު މަހު އުމުރާގެ އަޅުކަމަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު މާދަމާ އެނބުރި މާލެ އަންނާތީ، އެއާޕޯޓަށް ބާރު ބޮޑުވާނެކަމަށް ލަފާކޮށް މާދަމާ ފުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން ފުރަން ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.
އެމްއޭސީއެލް އިން ބުނީ، ގިނަ އަދަދެއްގެ އުމްރާވެރިން މާދަމާ އެނބުރި އައުމަށް ހަމަޖެހިފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުތަކާއި ޓާމިނަލް ސަރަހައްދަށް ބާރުބޮޑުވެދާނެ ކަމަށެވެ.
އެހެންކަމުން ވެލާނާ އެއާޕޯޓުން ދަތުރުކުރާ މީހުން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން ވަނީ އިރުޝާދު ދީފަ އެވެ.
އެންމެ ބާރުބޮޑުވާނެ ވަގުތުތަކާއި އަންނަ/ފުރާ މީހުންގެ އަދަދު:
- ހެނދުނު 6:00 އިން 9:00އާ ދެމެދު 618 އުމްރާވެރިން ހިމެނޭ ގޮތަށް 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވޭ. ހަމަ އެގަޑީގައި 1372 މީހަކު ރާއްޖެއިން ފުރާނެކަމަށްވެސް ބުނެފައިވޭ.
- މެންދުރުފަހު 14:00 އިން 16:00އަށް 452 އުމްރާވެރިން ހިމެނޭ ގޮތަށް 2,071 މީހުން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އެގަޑީގައި 1,091 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން 6300 އަށް ވުރެ ގިނަ މީހުން އުމުރާއަށް ގޮސްފައިވެ އެވެ. މިދުވަސްވަރު އެއާޕޯޓަށް ބާރުބޮޑުވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ބަންދާއި ދިމާކޮށް ރާއްޖެއައުމާއި ދިވެހިންވެސް އާންމުކޮށް ޗުއްޓީގައި ދަތުރުކުރާ ދުވަސްވަރާ ދިމާވުމުންނެވެ.