އިޒްރޭލް ސިފައިން ޣައްޒާގައި ކުރަމުން ގެންދަނީ ހަނގުރާމަ ނޫންކަމާއި އެއީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު ރިޓަޔަޑް ޖެނެރަލް މޯޝޭ ޔުއާލޫން ބުނެފި އެވެ.

އިޒްރޭލްގެ ނޫހެއް ކަމަށްވާ "ޔަދިއޮތު އަހްރަނޮތު" އަށް ދިން އިންޓަވިއުއެއްގައި މޯޝޭ ޔުއާލޫން ބުނީ ކުރިން ވެސް އޭނާވާނީ ޣައްޒާގައި އިޒްރޭލު ސިފައިން ހިންގަމުން ގެންދަނީ ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ބުނެފައި ކަމަށެވެ.

މީގެ ކުރިން މޯޝޭ ޔުއާލޫން މި މޭރުމުން ވާހަކަ ދެއްކުމުން އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުންވަނީ ޔުއާލޫން ކުށްވެރިކޮށް އޭނާ ދެއްކި އެ ވާހަކަތައް އަނބުރައި ގެންދިޔުމަށް ގޮވާލާފަ އެވެ.

ނަތަންޔާހޫއަކީ ހަނގުރާމައިގެ ޖަރީމާ އާއި ގަތުލުއާންމު ހިންގުމުގެ ކުށުގައި ބައިނަލްއަގްވާމީ ޖީނާއީ ކޯޓަށް ބޭނުންވެފައިވާ މީހެކެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގްވާމީ ކޯޓުންވަނީ ނެރެފަ އެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ތަރުޖަމާނަކު ބުނިގޮތުގައި އިޒްރޭލުގެ ރައްޔިތުން އަދި އިޒްރޭލުގެ ކުރީގެ މަސްއޫލުވެރިން މިގޮތަށް ވާހަކަ ދައްކައި ބަޔާންތައް ދިނުމަކީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި އިޒްރޭލުގެ މައްޗަށް އުފުލާފައިވާ ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ދައުވާތަކަށް ހެކި ލިބޭނެ ކަމެކެވެ. އެހެންކަމުން އިޒްރޭލުގެ މައްޗަށް އެ ދައުވާ ސާބިތުވާފަދަ ވާހަކަތައް އިޒްރޭލު މީހުން ދައްކައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ރައްދުގައި މޯޝޭ ޔުއާލޫން ބުނެފައި ވަނީ އޭނާގެ ވާހަކަތަކަކީ ހަގީގަތް ކަމަށާއި އެ ވާހަކަތައް އަނބުރައި ނުގެންނާނެ ކަމަަށެވެ.

އިއްޔެ ވެސް އޭނާވަނީ އިޒްރޭލު ސިފައިން ޣައްޒާގައި ކުރަމުން ގެންދަނީ ހަނގުރާމަ ނޫންކަމާއި ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ސިފަކޮށް ބަޔާނެއް ދީފަ އެވެ.

ޔުއާލޫން ބުނިގޮތުގައި ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ކޮންމެ ކަމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

ނަމަވެސް ހަމާސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ ހަތްދިހަ ނޫނީ އައްޑިހަ ވަރަކަށް މީހުން މަރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔުއާލޫން ބުނެފައިވެ އެވެ.

އޭނާ ބުނިގޮތުގައި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލް މީހުން މިނިވަންކުރަން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގައި ހިމެނޭ ދީނީ ހަރުކަށި މީހުން ބޭނުމެއް ނުވެ އެވެ. އެ މީހުން ކުރަމުން ގެންދަނީ އިޒްރޭލުގެ އަގުވެއްޓި ދުނިޔޭގައި އިޒްރޭލު ބަދުނާމުވެ ކުށްވެރިވެ އެކަހެރިވާ ބާވަތުގެ ނާކާމިޔާބު ކަންކަމެވެ.

އަނެއްކޮޅުން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ އޭނާގެ ވަރަށް އަރިސް މީހެއްކަމަށްވާ ނަތާން އީޝީލް ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ވަގުތު މިހާރު ޖެހިއްޖެކަމަށް ބުނެ ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫއަށް ގޮވާލާފަ އެވެ.