އެމެރިކާގެ ލޮސް އެންޖެލަސްގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވޯލްޓް ޑިޒްނީ ކުންފުނިން 15 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ޑިޒްނީއިން ބުނީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގަ އާއި އެ އަލިފާންގަނޑުން ލިބުނު ގެއްލުންތަކުން އަރައިގަންނަން އެހީވެދޭ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެ ކުންފުނިން އެހީވެދޭނެ ކަމަށެވެ. އެގޮތުން ފަސްޓް ރެސްޕޮންސް ރިލީފް ފަންޑުގެ ގޮތުގައި 15 މިލިއަން ޑޮލަރު ހޭދަކުރަން އެ ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ފައިސާ ހަދިޔާ ކުރެވޭ ޖަމާއަތްތަކުގެ ތެރޭގައި އެމެރިކަން ރެޑް ކްރޮސް، ލޮސް އެންޖެލަސް ފަޔާ ޑިޕާޓްމަންޓް އަދި ލޮސް އެންޖެލަސް ރީޖަނަލް ފުޑް ބޭންކް ހިމެނެ އެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އިގާ ވިދާޅުވީ ލޮސް އެންޖެލަސްއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަންނަން އެހީވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ.

ލޮސް އެންޖެލަސްއަކީ ޑިޒްނީއަށް ހާއްސަ ސިޓީއެއްކަން ފާހަގަ ކުރަމުން ބޮބް ބުނީ އެ ސިޓީއަކީ އެ ކުންފުނީގެ ބާނީ ވޯލްޓް ޑިޒްނީގެ މަސައްކަތް ފަށައިގަތް ސިޓީ ކަމަށެވެ.

ލޮސް އެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުގައި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު މިހާތަނަށް 16 މީހަކު ވަނީ މަރުވެފަ އެވެ.