ޣައްޒާގެ ސްކޫލް އިމާރާތަކަށް އިޒްރޭލުން ބޮން އަޅައި ފަލަސްތީނުގެ އިތުރު 8 މީހުން ޝަހީދު ކޮށްލައިފި އެވެ.

މި އިމާރާތަށް ހަމަލާ ދިން އިރު އެތަނުގައި އުޅެނީ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާންމުންނެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައި ވަނީ މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

މި ހަމަލާ ދިން ކަމަށް އެއްބަސްވެ، އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެ މީހުން އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ހާމަކުރި ގޮތުގައި ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާ ސިޓީގައި ހުރި ހަލްވާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ހިމެނެ އެވެ.

ބައްސާލް ހާމަކުރި ގޮތުގައި މި ހަމަލާގައި 19 ކުޑަކުދިން ހިމެނޭ ގޮތަށް 30 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، ހަލްވާ ސްކޫލުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް މީހުން ވަގުތީ ގޮތުން ދިރިއުޅެމުންދާ ކަމަށެވެ.

އިޒްރޭލުގެ އަނިޔާވެރި އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ވައިގެ ބާރުން "ޖަބާލިޔާގެ ހަލްވާ ސްކޫލުގެ ގޮތުގައި ބޭނުންކުރި ތަނެއްގައި ހުރި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގައި ތިބި ޓެރަރިސްޓުންނަށް ސީދާ ހަމަލާއެއް،" ދީފައިވާ ކަމަށެވެ.

އެމީހުން ބުނެފައިވަނީ ސްކޫލު ބޭނުންކޮށްފައި ވަނީ ހަމާސްގެ ޓެރަރިސްޓުން ހަމަލާތައް ރާވައި ތަންފީޒުކުރުމަށް ކަމަށްވާތީ އެތަނަށް އަމާޒުކޮށްފައިވާ ކަމަށެވެ. މި ހަމަލާއަކީ 14 މަސް ދުވަސް ފާއިތުވެފައިވާ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލު އިމާރާތްތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާ އެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހު މެދުތެރޭ ޣައްޒާގައި ހުރި އދ. އިން ހިންގާ އަލް- ޖަވްނީ ސްކޫލަށް ދިން ހަމަލާއަކާ ގުޅިގެން ބައިނަލްއަގުވާމީ ފާޑުކިޔުންތަކެއް އިޒްރޭލަށް އަމާޒުވި އެވެ.

ފަލަސްތީނު ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ އަންރުވާގެ 8 މުވައްޒަފުން އެ ހަމަލާގައި މަރުވި 18 މީހުންގެ ތެރޭގައި ހިމެނެ އެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ޢުދުވާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 46,537 ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި 109,571 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.