ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ހުތުރު އެއްޗިހި ކިޔާފައިވާ އެމްޑީޕީގެ އެކްޓިވިސްޓް އަހްމަދު ރަޝީދު (ދޮންކޮޅު) ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފި އެވެ.
ގދ. ތިނަދުއަށް ނިސްބަތްވާ ދޮންކޮޅު ޕީއެންސީއަށް ސޮއިކުރީ މުލީއާގޭގައި މިރޭގެ ވަގުތެއްގަ އެވެ. އޭނާ ޕީއެންސީއަށް ސޮއިކުރުުމުގެ ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ ވެސް ބައިވެރިވެވަޑައިގަތެވެ.
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އަނބުރާ އެމްޑީޕީއާ ގުޅުމުން އޭނާ ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފައެވެ. އެގޮތުން އެކްސްގައި ދޮންކޮޅު ބުނީ ޑިމޮކްރެޓްސްގެ ބޭފުޅުން އެމްޑީޕީއާ ގުޅޭނަމަ، އޭނާއަށް ވެސް ޕީއެންސީއަށް ސޮއިކުރެވޭނެ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި އާރްޑީސީގެ ވަޒީފާގައި ހުއްޓައި ދޮންކޮޅު ވަޒީފާއިން ވަކިކޮށްލީ މި ސަރުކާރުންނެވެ.
އޭނާ ވަނީ މީގެކުރިން ރައީސް މުއިއްޒަށާއި ސަރުކާރަށް ފާޑުކިޔައި އެކްސްގައި ގިނަ ޕޯސްޓްތަކެއްކޮށްފަ އެވެ. އެގޮތުން ވޭޕާއި އީ ސިނގިރޭޓް ރާއްޖޭގައި މަނާކުރިއިރު، ސިނގިރޭޓް މަނާނުކުރީ ސިނގިރޭޓް ވިއްކާ މީހުންގެ އަތުން ރައީސް މުއިއްޒު ރިޝްވަތު ނަގައިގެން ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ.
ޕީއެންސީގައި ތިބެނީ ވަގުން ކަމަށް ބުނެ ވެސް އޭނާ ވަނީ އެކްސްގައި ޕޯސްޓެއްކޮށްފަ އެވެ.
ފައިސާދީގެން އެމްޑީޕީގެ އެކްޓިވިސްޓުން ގަންނަން ޕީއެންސީން މަސައްކަތްކުރާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ތުހުމަތުކުރަމުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު (ޗާލީ ތުއްތު) ބުނީ ބަރުދަނަށް ރަން އަޅާފަ ދިނަސް ނުވިކޭނެ ކަމަށެވެ. އަދި އޭނާ އަކީ ގުޑާނެ މީހެއް ނޫން ކަމަށާއި ދެމިހުންނާނީ އެމްޑީޕީއާއެކު ކަމަށް އޭނާ ބުންޏެވެ.