އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންތަކުގެ ތެރެއިން އެ ސަރަހައްދުގައި ވައްކަމާއި ފޭރުން އިތުރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަނދައި ބިމާ ހަމަވެފައިވާ ގެތަކުގެ ތެރެއިން ސަލާމަތުން ނެގެން ހުރި ބައެއް އަގުބޮޑު ތަކެތި ވަގުން ނަގައި އެތަކެތި ނުއަގުގައި ދަނީ ވިއްކަމުންނެވެ.

މިފަދަ އަމަލުތައް ހިންގުމުގެ ތުހުމަތުގައި ލޮސްއެންޖެލަސްގެ އެކި ސަރަހައްދުތަކުން ބައެއް މީހުން ހައްޔަރު ކުރެވިފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ލޮސް އެންޖެލަސްގައި ފޭރުމާއި ލޫޓުވުން އިތުރުވުމާއެކު އަމިއްލަ ބައެއް މީހުން ވަނީ އެމީހުންގެ ގޭގައި ހުރި ތަކެތީގެ ސެކިއުރިޓީ ބަލަހައްޓަން ގާޑުން ވެސް ހިފާފަ އެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނީ މި އުނދަގޫ ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޖެނުއަރީ ހަތްވަނަ ދުވަހު ލޮސް އެންޖެލަސްގެ ފަސް ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު މިއަދާ ހަމައަށް ވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ.